ގދ. ތިނަދޫ ގެތަކަށް ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޫކުރަން ފަށައިފިއެވެ.ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއަދު ދޫކުރަން ފެށުނު ކަރަންޓުގެ ޚިދުމަތް، ތިނަދޫގެ އައު އިންޖީނުގެ ޤާއިމް ކުރެވުމާއި ހަމައަށް މެދު ނުކެނޑި ދެމުން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ތިނަދޫ އައު އިންޖީނުގެ ޤާއިމް ކުރެވި ކުރިއެކޭ އެއްގޮތަށް ދާއިމީކޮށް އެރަށަށް ކަރަންޓުގެ ޚިދުމަތް ދޫކުރެވެން ފެށޭނެކަމަށްވެސް ފެނަކައިން މަޢުލޫމާތުދެއްވައެވެ.ތިނަދޫއަށް 24 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ދިނުން އިފްތިތާހް ކޮށްދެއްވާފައިވަނީ މިއަދު ހަވީރު ތިނަދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފެވެ.ސްޓެލްކޯއާއި އެމް.ޑަބްލިއު އެސް.ސީން ތިނަދޫއަށް ގެނެސްފއިވަނީ، ދެ ޖަނަރޭޓަރެވެ. އެއިން ކޮންމެ ޖަނަރޭޓަރަކީވެސް އެއްމެގަވޯޓެވެ.އެސް.ޓީ.އޯގެ ލޭންޑިންގ ކްރާފްޓެއްގައި އިއްޔެގެ ވަގުތެއްގައި ތިނަދޫއަށް ގެންދެވުނު މި ދެޖަނަރޭޓަރު ބޭލުމުގެ މަސައްކަތް، ފުލުހުންނާއި ސިފައިގެ އެހީތެރިކަމާއެކު، ފެނަކަ ކޯޕަރޭޝަނާއި، މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓްގެ އިތުރުން އެމް.ޓީ.ސީ.ސީން ފަށައިގެންގޮސް ފުރަތަމަ ޖަނަރޭޓަރު ތިނަދޫ އިންޖީނުގެއާއި ހަމަ އަށް ގެންދެވުނީ، ރޭ ދަންވަރު 12:30 އެހާއިރުއެވެ. އެއީ ޓްރާންސްފޯމަރަކާއެކު ހުރި 27 ޓަނުގެ ޖަނަރޭޓަރެކެވެ. ދެންހުރި ޖަނަރޭޓަރުގައި 18 ޓަނުހުރި އިރު މިޖަނަރޭޓަރުތައް ގެންގޮސްފައިވަނީ، ދެކޮޅުގައި ދެ އެކްސްކަވޭޓަރު ޖަހައިގެން ދަނގަޑު ހޮޅިތަކެއްގެ މަތީގައެވެ.މިމަސައްކަތުގައި ފެނަކަކޯޕަރޭޝަނާއި، އެމް.އާރު.ޑީ.ސީން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރައްވާފައިވެއެވެ. މިމަސައްކަތަށް އިތުރު ހިތްވަރެއް ލިގެންދިޔައީ، ގައުމީ ކޮންމެ ކަމެއްގައިވެސް ހިތްވަރުގަދަ އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ސިފައިންނާއި ފުލުހުންގެ މިންނެތް މަސައްކަތުންނެވެ. ތިނަދޫ ރައްޔިތުންނައްޓަކައި މި ޖަނަރޭޓަރުތަށް އުފުލުމުގައި މިދެފަރާތުން ދައްކުވައިދިނީ އާދަޔާ ޚިލާފު ރޫހެކެވެ.ކޮންމެއަކަސް އެންމެން ގުޅިގެން ކުރެވުނު މި ބުރަ މަސައްކަތުން މިއަދު މިވަނީ ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިފައެވެ. އެ ރަށުގެ ރައްޔިތުން ވޭތުކުރަމުންދިޔަ ދަތި ދުވަސްތަކަށްވެސް މިވަނީ ނިމުމެއް އައިސްފައެވެ.