ޚަބަރު

އަމާންކަމެއް ނެތް މުޖުތަމަޢުއެއް، އެއްވެސް މައިދާނެއްގައި ތަރައްޤީއެއް ނުވާނެ: ޚުޠުބާ


އަމާންކަމެއް ނެތް މުޖުތަމަޢުއެއް، އެއްވެސް މައިދާނެއްގައި ތަރައްޤީއެއް ނުވާނެކަމަށާއި، އަހަރެމެންގެ މުޖުތަމަޢަކީ ހުރިހާ ގޮތަކުންވެސް އަމާންތަނަކަށް ހެދިއްޖެނަމަ، އެންމެހާ މީސްތަކުގެން މަޞްލަޙަތުތަކާއި ޙައްޤުތައް ރައްކާތެރިކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އިޖުތިމާޢީ އަމާންކަމުގެ މުހިއްމުކަން" މި މައުޟޫއަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އީމާންކަމަށްފަހު، އެންމެ ބޮޑު ނިޢުމަތަކީ ޞިއްޙަތު ސަލާމަތުން ހުރުމާއި އަމާންކަން ލިބިގެންވުންކަމަށާއި، އަމާންކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާކަން ފާހަގަކުރެއްވިއެވެ. އަދި އެއާ ނުލައި ކުރިއެރުމެއް ނުލިބޭނެކަމަށާއި، އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާކަމަށް ވިދާޅުވިއެވެ. އަމާން ވެއްޓެއްގައި ނަފުސުގެ ރައްކާތެރިކަން އޮންނާނެކަމަށާއި، އަނބިދަރީންނާއި މުދަލުގެ މައްޗަށް ކަންބޮޑުވާން ނުޖެހޭނެކަންވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

އިސްލާމްދީން، މުޖުތަމަޢުގެ ހުރިހާ އަފްރާދުންނަށް އަމާންކަން ހޯދައިދިނުމަށް ނުހަނު ބޮޑަށް އިސްކަންދީފައިވާކަން ފާހަގަކުރައްވާ، މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު އެރަށުގައި ކީރިތި ރަސޫލާ ﷺ އުފެއްދެވި ދައުލަތުގެ ބިންގާ އެޅުއްވީ އަމާންކަމުގެ މަތީގައިކަމަށް ޙުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި އުފާވެރި އަމާން ވެށްޓެއް އުފެއްދެވުމަށް މުހާޖިރުންނާއި، އަންޞާރުންގެ މެދުގައި އަޚުކުރެއްވިކަންވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

އަމާންކަމެއްނެތް މުޖުތަމަޢުއެއް، އެއްވެސް މައިދާނެއްގައި ތަރައްޤީނުވާނެކަމަށް މިއަދުގެ ޙުޠުބާގައި ވިދާޅުވިއެވެ. އަދި އަމާންކަމެއްނެތި ޖާނާއި މާލު އަދި އަބުރާއި އިއްޒަތް ރައްކާތެރި ނުކުރެވޭނެކަމަށެވެ. އަމާންކަމެއްނެތް ވެއްޓެއްގައި ދިރިއުޅޭ ބަޔަކަށް ފުރިހަމަ ޞިއްޙަތާއި ތަނަވަސްކަމުގެ އުފަލެއްވެސް ނުލިބޭނެކަމަށާއި، އަބަދު ތިބެން ޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައިކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. މުޖުތަމަޢުގައި އަމާންކަން ޤާއިމުކުރެއްވިއްޖެނަމަ އެ މުޖުތަމަޢުއެއް ކުރިއަރައިދާނެގޮތުގެ މައްޗަށްވެސް ޚުޠުބާގައި އަލިއަޅުވާލައްވާފައިވެއެވެ.

"އަމާން ވެއްޓެއްގެ އަފްރާދުން ޤާބިލްކަން ހުރި ދާއިރާތަކުގައި ތަރައްޤީވާނެ. މޮޅެއް ދެރައެއްގެ ތަފާތެއް ނެތި މުޅި މުޖުތަމަޢު ކުރިއަރާނެ. ދުނިޔެއާއި އާޚިރަތުގެ ގޮވަތި އާރާސްތުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އެކިއެކި ސިނާޢަތާއި، ފަންނާއި ހުނަރުގެ ދާއިރާތައް ފުޅާވާނެ. ބޮޑެތި ވިޔަފާރިތަކާއި، ކާރުޚާނާތައް އުފެދި، ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެ" ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އިސްލާމްދީނަކީ އަމާންކަމާއި އިންސާފާއި ހަމަހަމަކަމަށް ގޮވާލާ ދީނެއްކަން ޙުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މާތް ﷲ ގެ ހަޟްރަތުގައި އެކަކު އަނެކަކަށް ވުރެ މާތްވާނީ އެމީހެއްގެ ތަޤްވާވެރިކަމުންކަމަށާއި، ހަމުގެ ކުލަޔާއި ހަސަބާއި ނަސަބާއި މުއްސަނދިކަމަކުން ނޫންކަމަށްވެސް ޙުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައި ވިދާޅުވީ، މާތްﷲ އަހަރެމެން ދިވެހީންނަކީ މުސްލިމުން ކަމުގައި ލައްވާފައިވުމުން އެކަމަށްޓަކައި ޝުކުރުކުރުން އެއީ އަހަރެމެންގެ މައްޗަށް ވާޖިބުކަމެއްކަމަށެވެ. އަދި ދުނިޔެއާއި އާޚިރަތުގެ މަގު އަމާންވުން އޮތީ އިސްލާމް ދީނަށް އަމަލުކޮށްގެން ކަމަށާއި، އެކަލާނގެ އަމުރުކުރައްވާފައިވަނީ އެއްބަޔަކު އަނެއްބައެއްގެ ހާލު ބަލައި ހެޔޮކަންކަމުގައި އެހީތެރިވެ އުޅުމާއި ޢަދާވާތްތެރިންނަށް އަނިޔާވެ ނޫޅުމަށްކަމަށްވެސް ވިދާޅުވިއެވެ.

ދިރިހުރުމުގެ ޙައްޤާއި މިލްކުވެރިކަމުގެ ޙައްޤަކީ އިންސާނާގެ އެންމެ އަސާސީ ދެ ޙައްޤުކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި އިސްލާމް ދީނާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވެސް މީހުންގެ މިލްކިއްޔާތާއި ފުރާނަ ހިމާޔަތް ކުރުމުގެ ހައްޤު ލިބިދީފައިވާކަމަށާއި މިއަދު އަމިއްލަ ވަތަނުގައި އަމާންކަމާއެކު ދިރިއުޅުމުގެ ހައްގުން މަހްރޫމުވެފައިވަނީ ކިތައް މިލިއަން މީހުންތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދަވާފައެވެ.

"ވައްކަންކޮށް ފޭރިގެން މީސްތަކުންގެ މުދާތައް ނުހައްޤުން ކަނީ ކިތައް މީހުން ހެއްޔެވެ؟ މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސުތައް ހައްޤަކާ ނުލައި މަރަނީ ކިތައް މީހުން ހެއްޔެވެ؟ އެންމެންގެ ލޯމަތީގައި އަނިޔާކޮށް މީހުން މަރަމުންދާއިރު ކުޅިބަލަން ތިބެނީ ކިތައް މީހުން ހެއްޔެވެ؟ ފޮޓޯ ނަގައި، ވީޑިއޯ ކޮށް ސޯޝަލް މީޑިއާއަށް ލުން ނޫންކަމެއް، އެފަދަ މީހުންކުރާތަނެއް ނުފެނޭ. މިއީ ރަހުމެއްހުރި ކޮންމެ އިންސާނަކު ކަރުނައަޅާ ރޯންޖެހޭ ވަރުގެ ހިތާމަ ހުރި ކަމެއް" ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

އަމާންކަމަކީ ކޮންމެ ފަރުދެއްގެވެސް އަސާސީ ޙައްޤެއްކަމާއި އަދި އެއީ މި އުންމަތުގެ މާތް ނަބިއްޔާވެސް އެކަމަކަށްޓަކައި މަތިވެރި ގުރުބާނީތަކެއް ވެވަޑައިގަތް ކަމެއްކަމާއި އެކަލޭގެފާނު ދުޝްމަނުންނާ ހަނގުރާމަ ކުރައްވާ، މަދީނާއާއި މައްކާއަކީ އަމާން ދެރަށް ކަމުގައި ހެއްދެވިކަމަށް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގައި އަމާންކަން ޤާއިމްކުރެއްވުމަށްޓަކައި ޚުތުބަތުލް ވަދާޢުގައި ވަރަށް ފުރިހަމައަށް އިންސާނީ ޙައްޤުތަކަކީ ކޮބައިކަން ބަޔާން ކޮށްދެއްވާ، އަހަރެމެންގެ ޙަޔާތަކީ ބާއްޖަވެރި އަމާން ޙަޔާތަކަށް ހެދުމަށްޓަކައި އެ ޚުތުބާއިން ދަރުސްތަކާއި އިބުރަތްތައް ޙާޞިލުކުރުމަށް ވަނީ ގޮވާލައްވާފައެވެ.

އަހަރުމެންގެ މުޖުތަމަޢުއަކީ ހުރިހާގޮތަކުންވެސް އަމާންތަނަކަށް ހެދިއްޖެނަމަ އެންމެހާ މީސްތަކުންގެ މަޞްލަޙަތުތަކާއި ޙައްޤުތައް ރައްކާތެރި ކުރެވޭނެކަން ޙުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ރުޅިވެރިކަމާއި ޙަސަދަވެރިކަން ފިލައިގޮސް، ބާއްޖަވެރިކަމާއި ހަމަޖެހުން ލިބިގެންދާނެކަންވެސް ހުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.