ޚަބަރު

އެސްޓީއޯގެ ތެޔޮ ރައްކާކުރާ ނިޒާމް ބޮޑުކުރަނީ


ކ އަތޮޅު ފުނަދޫގައި ހުންނަ އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ، އެ ރަށުގައި ތެޔޮ ރައްކާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށެވެ. މި މަޝްރޫޢަށް 35 މިލިއަން ޑޮލަރު ހޭދަވާއިރު، މަޝްރޫޢު ނިމުމުން ފުނަދޫގައި ތެޔޮ ރައްކާ ކުރުމުގެ ޤާބިލްކަން ދެ ގުނައަށް އިތުރުވާނެކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ. މީގެ އިތުރުން ހުޅުމާލޭގައި ޕެޓްރޯލް ޝެޑެއް ގާއިމު ކުރުމަށް ބިމެއް ހަމަޖެހުނު ނަމަވެސް، އެ ބިން އެސްޓީއޯއަށް އަދި ލިބިފައި ނުވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ. އަދި އެޗްޑީސީން އެސްޓީއޯއާއި ބިން ޙަވާލުކުރިހާ އަވަހަކަށް ހުޅުމާލޭގައި އެސްޓީއޯއިން ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޕެޓްރޯލް ޝެޑްގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ. އެސްޓީއޯއިން އިތުރަށް ވިދާޅުވީ ހުޅުމާލޭ ޕެޓްރޯލް ޝެޑްގެ ހުރިހާ ކަރުދާހެއްގެ މަސައްކަތާއި ޑިޒައިން މަސައްކަތް ނިމި ކޮންޓްރެކްޓަރާވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ.