ޚަބަރު

އާ ސީ ޕްލޭން ޓަރމިނަލް، ގެނެސްދެނީ ރިސޯޓެއްގެ ތަޖުރިބާ


މޫދަށް ޖައްސާ މަތިންދާ ބޯޓުގެ ޚިދުމަތް ރާއްޖޭގައި ފެށިގެން އައީ ފަތުރުވެރިކަމުގެ ވިޔަފާރިއާ ގުޅިގެންނެވެ. ރާއްޖޭގެ ދަތުރުުފަތުރުގެ ނިޒާމު އޮތްގޮތުން، ސީ ޕްލޭންގެ ޚިދުމަތް ވެފައިވަނީ ރިސޯޓްތަކަށް ދަތުރުކުރުމަށް އެންމެ ފަސޭހަ މަގަށެވެ.

އެއަރ ޓެކްސީ ނުވަތަ ސީ ޕްލޭންގެ ޚިދުމަތް ރާއްޖޭގައި ފެށިގެންދިޔައީ 1990ގެ އަހަރުތަކުގައެވެ. މި ޚިދުމަތަށް ތިރީހަކަށް އަހަރު ވެފައިވާއިރު، މިއީ މިހާރު ރާއްޖޭގެ އެތައް ރިސޯޓަކަށް ފަތުރުވެރިން ގެންދިއުމަށް ބަރޯސާވެފައިވާ ދަތުރުފަތުރުގެ މުހިއްމު ނިޒާމެކެވެ.

ދުނިޔޭގެވެސް އެންމެ ބޮޑު ސީ ޕްލޭން ފްލީޓް އޮތީ ރާއްޖޭގައެވެ. މިއީ ކޮންމެ އަހަރަކު ރާއްޖެ އަންނަ މިލިއަން ފަތުރުވެރިންގެ ބޮޑު ބައެއް ބޭނުންކުރަމުންދާ ޚިދުމަތެކެވެ.

ސީ ޕްލޭންގެ ޚިދުމަތް ރާއްޖޭގައި ފެށިފަހުން އެ ހިދުމަތް ހޯދާ ރިސޯޓްތައް އިތުރުވެ، ޓަރމިނަލް ބޭނުންކުރާ ފަތުރުވެރިންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އިމާރާތާއި، ޓަރމިނަލަކުން ލިބެންޖެހޭ ޚިދުމަތްތައް ފުޅާވެގެން އައިސްފައެއް ނުވެއެވެ. 90 އަހަރުތަކުގައި ރާއްޖޭގައި ސީ ޕްލޭން ތައާރަފްވެގެން މިހާ ދުވަސްވީއިރުވެސް އަދިވެސް ބޭނުންކުރަމުން އަންނަނީ، އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ސީ ޕްލޭން ޓަރމިނަލެވެ.

ސީ ޕްލޭން ޓަރމިނަލްގެ ޖާގަ ކުޑަވުމާއި، ލައުންޖްތަކުގެ ދަތިކަމާއި އަދި ޚިދުމަތްތައް ދަތިކަމުގެ ކަންބޮޑުވުން، އެތަން ބޭނުންކުރާ ރިސޯޓްތަކާއި ފަތުރުވެރިންގެވެސް އޮތެވެ.

ފަތުރުވެރިންނަށް އެކަށީގެންވާ ޚިދުމަތެއް ދިނުމަށް އާ ސީޕްލޭން ޓަރމިނަލެއް ތަރައްޤީކުރަން ނިންމީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިންނެވެ.

މިކަމަށް ބޭނުންވާ 3 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2018ވަނަ އަހަރުއެވެ. އަދި ޖެހިގެން އައި އަހަރު ޓަރމިނަލްގެ ޢަމަލީ މަސައްކަތްތައް ފެށިއެވެ.

މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކަށްވީ ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ޚިދުމަތަށް އެކަށީގެންވާ ޚިދުމަތެއް ސީ ޕްލޭން ޓަރމިނަލާ ހަމައިންވެސް ދިނުމެވެ.

އަދަދުތަކަށް ބަލާއިރު ފަތުރުވެރިން މަދުން އަންނަ ދުވަސްވަރުވެސް އެވަރެޖްކޮށް ދުވާލަކު 300 ސީޕްލޭން ދަތުރު ބާއްވައެވެ. އަދި ފަތުރުވެރިން ގިނައިން އަންނަ ސީޒަންތަކުގައި ދުވާލަކު 600 ދަތުރުވެސް ބާއްވައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާބޮޑަށް ބަރޯސާވާ ޚިދުމަތެއް، އިތުރަށް ތަރައްޤީވެގެން އައުމުގެ މުހިންމުކަން މިކަމުންވެސް ދޭހަވެއެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ތާހާ ވިދާޅުވީ، ސީ ޕްލޭން ޓަރމިނަލް ފަރުމާކޮށްފައިވަނީ ދިވެހި ވަންތަ، ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާއެއް ޓަރމިނަލާ ހަމައިންވެސް ލިބޭގޮތަށްކަމަށެވެ. އަދި ޓަރމިނަލަކީ ރިސޯޓް ފެންވަރުގެ ޚިދުމަތްތައް ލިބޭ ތަނަކަށް ހަދާފައިވާކަމަށް ތާހާ ވިދާޅުވިއެވެ.

އާ ޓަރމިނަލްގެ ލައުންޖްތަކަކީ މަޑުކޮށްލައިގެން ތިބެން ހިތްފަސޭހަ، އަދި އެތަނުން ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ލިބޭ، ހިތްހަމަޖެހިލައިގެން ތިބެވޭ ތަނަކަށް ވަނީ ހަދާފައެވެ. އަދި ޓަރމިނަލް ފަރުމާކޮށްފައިވަނީވެސް އެއަރޕޯޓްގެ ރީތި "ވިއު" އެންމެ ފުރިހަމައަށް ފެންނަ ގޮތަށެވެ.

"އާ ޓަރމިނަލްގައި 50 ލައުންޖް ހިމެނޭ. މީގެތެރޭގައި އެމްއޭސީއެލްގެ ކޮމަން ލައުންޖަކާއި އަދި ބިޒްނަސް ލައުންޖް ހިމެނޭ." ތާހާ ވިދާޅުވިއެވެ.

ލައުންޖްތައްވެސް ހަދާފައިވަނީ އިންޑޮރގެ އިތުރުން، އައުޓްޑޯ ބައެއްވެސް ހިމެނޭ ގޮތަށެވެ. ރިސޯޓްތަކުން ލައުންޖް އޭރިއާ ހެދުމަށް، 43 ލައުންޖް ވަނީ ދޫކޮށްފައެވެ. މިހާތަނަށް 4 ލައުންޖަކުން ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި ލައުންޖްތައްވެސް ފަރުމާކޮށްފައިވަނީ، އެ ރިސޯޓެއްގެ ތީމްތަކާއި ގުޅޭހެން، ފަތުރުވެރިންނަށް ރިސޯޓެެއްގެ ތަޖުރިބާ ލިބޭގޮތަށެވެ.

ސީ ޕްލޭން ޓަރމިނަލްއިން ދުވަލާކު 4000 އަށްވުރެ ގިނަ ފަތުރުވެރިން ޚިދުމަތް ހޯދައެވެ. އަދި ހައި ސީޒަންތަކުގައި 6500އަށްވުރެ ގިނަ ފަތުރިން ޚިދުމަތް ހޯދައެވެ.

4 ފަންގިފިލާގެ ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ، ރިސެޕްޝަން އޭރިއާގެ ގޮތުގައެވެ. އެގޮތުން މިހާތަނަށް ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ހުރިހާ ޚިދުމަތްތައް ވަނީ އާ ޓަރމިނަލަށް ބަދަލުކޮށްފައެވެ. އަދި އެ ފްލީޓްގައި 57 ސީ ޕްލޭން ބޭނުންކުރަމުންދެއެވެ.

ޖުމްލަ 3 ސީޕްލޭން އޮޕަރޭޓަރުން ރާއްޖޭގައި ޚިދުމަތްދެއެވެ. ދެން ހިމެނެނީ މަންޓާގެ 13 ސީޕްލޭންއާއި މޯލްޑިވިއަންގެ 11 ސީ ޕްލޭންއެވެ.

ފުރާ މީހުން ސީ ޕްލޭންތަކަށް އެރުވުމުގެ ކުރިން، މަޑުކުރުމަށް ޚާއްސަ އޭރިއާއެއްވެސް ގްރައުންޑް ފްލޯގައި ހިމެނެއެވެ. އެ ބޯޓަކުން ދަތުރުކުރާ މީހުންނަށް އެކުގައި ތިބުމަށް، 30އަށްވުރެ ގިނަ ވެއިޓިން އޭރިއާ ވަކިވަކިން ވަނީ ހަދާފައެވެ.

އެމްއޭސީއެލްގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރ މުޙައްމަދު ސޮލާހު ވިދާޅުވީ މިހާރުވެސް ޕެސެންޖަރުންގެ ޗެކިން ކުރިއަށްދާނީ ވީއައިއޭގެ މައި ޓަރމިނަލްގައިކަމަށެވެ. ނަމަވެސް އާ ސީ ޕްލޭން ޓަރމިނަލް ފަރުމާކޮށްފައިވަނީ، ޗެކިން ކުރުމުގެ އޮޕަރޭޝަން އާ ސީޕްލޭން ޓަރމިނަލަށް ބަދަލުުކުރަންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރެވޭގޮތަށްކަމަށެވެ.

"މިހާރު ޕީކް ސީޒަންގައި ޓަރމިނަލްގެ ތޮއްޖެހުމުގެ މައްސަލައެއް ދިމާ ނުވާނެ. ގާތްގަނޑަކަށް 10-15 އަހަރަށް ބެލިއަސް، ޖާގައިގެ މައްސަލައެއް ދިމާ ނުވެ ބޭނުންކުރެވޭނެ." ސޮލާހު ވިދާޅުވިއެވެ.

ޓަރމިނަލްގެ ލައުންޖްތައް ހުންނާނީ އިމާރާތުގެ ދެ ވަނަ ފަންގިފިލާއިން ފެށިގެންނެވެ. އަދި މިތަނުގައި ޑިއުޓީ ފްރީ ފިހާރަތައްވެސް ހިމެނެއެވެ. ޚިދުމަތް އަވަސް ކުރުމަށް 2 ލިފްޓާއި އެސްކަލޭޓަރއެއްވެސް ހުރެއެވެ.

މީގެއިތުރުން ވިއައިޕީއަށް ޚާއްސަ ލައުންޖެއް އަލަށް ތަރައްޤީކޮށްފައިވާ ސީ ޕްލޭން ޓަރމިނަލްގައި ހުރެއެވެ.