ވިޔަފާރި

އީޔޫ އެހީގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން ފޯރުކޮށްދޭ އެހީގެ ދަށުން މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަޤުޞަދުގައި އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ނަމުގައި ދޫކުރާ މި އެހީއަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ އެހީއެކެވެ.

މި އެހީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ކުރިން އޮތްގޮތުން މި އެހީއަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މޭމަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް މިހާރު އެ ފުރުޞަތު ވަނީ އަންނަ އޮގަސްޓްމަހުގެ 31 އަށް އިތުރުކޮށްފައެވެ.


އިކޮނޮމިކް މިނިސްޓްރީން މި އެހީ ދޫކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ.

އެ ކޯޕަރޭޝަނުން މިމަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އެހީގެ ދަށުން މިހާތަނަށް 13،078،540 (ތޭރަ މިލިއަން ހަތްދިހަ އަށްހާސް ފަސް ސަތޭކަ ސާޅީސް) ރުފިޔާގެ އެހީ ވަނީ ދޫކޮށްފައެވެ. މިއީ ޖުމްލަ 286 ގެސްޓްހައުސްއަކާއި 59 ސަފާރީއަކަށް ދޫކޮށްފައިވާ އެހީކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފައިވަނީ މި އެހީއަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ %47 ވިޔަފާރިތައް އަދިވެސް އެބަހުރިކަމަށެވެ. މި އެހީއަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި، ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެއެވެ.

އެހީއަށް އެދި ހުށަހެޅުމުގެ މަރުހަލާ އެމް.އެފް.އެމް.ސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްދީފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސެންސުގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އެގޮތުން މަޢުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެއެވެ.