ޚަބަރު

ވޭތުވެދިޔަ ހަފްތާގައި ކޯވިޑު ޖެހުނު މީހުންގެ ޢަދަދު ބޮޑުތަނުން ދަށަށް


ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ބޮޑުތަނުން ދަށްވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވޭތުވެދިޔަ މަހުން ފެށިގެން ވަނީ އިތުރުވަމުން އައިސްފައެވެ. ޕޮޒިޓިވްވަމުންދާ ކޭސްތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ހިމެނޭތީ އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 771 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މީގެ ކުރީ 2 ހަފްތާއާއި އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. މީގެ ކުރީ 2 ހަފްތާގައި ކޯވިޑް ޢަދަދުތައް ހުރީ 1000 އިން މަތީގައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މާލެ ސަރަޙައްދުން 192 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވީ 304 މީހުންނެވެ. އަދި އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 275 މީހުންނެވެ. ކޯވިޑް ޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދުވެސްވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 31 މީހަކުވަނީ އެޑްމިޓްކޮށްފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 183491 އަރާފައެވެ.

ގިނަ މަސްތަކަށް ފަހު ރާއްޖޭގައި ކޯވިޑް ބަލީގައި އިތުރު ބަޔަކު ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 307 އަށް އަރާފައެވެ.

ކޯވިޑް ބަލި އިތުރުވަމުންދިޔުމާއި ގުޅިގެން ބޭރުތެރޭގައި އުޅޭއިރު މާސްކްއެޅުމަށާއި ރައްކާތެރިކަމުގެ ގޮތުން ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ބޮޑު ޗުއްޓީއާއި ޢީދު ބަންދާ ދިމާކޮށް ދަތުރުކުރުމުގައާއި ޢީދު ޙަރަކާތްތައް ބޭއްވުމުގައި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީވެސް މުހިއްމުކަމެކެވެ. ގިނަ މީހުން އެއްވެ އުޅުމުގައި ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.