ކުޅިވަރު

އޭޝިއަން ބޮޑީބިލްޑިން މުބާރާތުގެ ހުރިހާ ތައްޔާރީތައް ނިމިއްޖެ: އައިމަން


ރާއްޖޭގައި އަންނަ ހުކުރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގެ ނައިބު ރައީސް އަޙްމަދު އައިމަން ވިދާޅުވެއްޖެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން މި މުބާރާތުގައި ވާދަަކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ ބޮޑީބިލްޑިން މުބާރާތެވެ.

މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އައިމަން ވިދާޅުވީ މި މުބާރާތުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށާއި، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ މާފުއްޓަކީ މި ވަގުތު ރާއްޖޭގައި އެންމެ ހަރަކާތް ގިނަ އެއް ރަށް ކަމަށެވެ. އެގޮތުން ޢީދު ކުޅިވަރުތަކަށްފަހު އެ ރަށުގައި މުޅިން އައު ހަރަކާތްތައް ފޯރިއާއެކު ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.

ދިވެހި ޓީމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އައިމަން ވިދާޅުވީ ޓީމު މިހާރު މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އުއްމީދަކީ މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ފަޚުރުވެރި ރަން ވަނަތަކެއް ހާސިލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.