ވިޔަފާރި

މިއަންނަ އަހަރުގެ ފެއާގައި ބޭރުގެ ގިނަ ފަރާތްތަކެއް ބައިވެރިވާނެ


އަންނަ
އަހަރު ބާއްވާ މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯގައި ބޭރުގެ ގިނަ އަދަދެއްގެ
ވިޔަފާރިވެރިން ބައިވެރިކުރަން މަސީއިން ނިންމައިފިއެވެ.



މިދިޔަ
ބުދަ ދުވަހުން ފެށިގެން ހުކުރުދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިއަހަރުގެ މަސީ ބިލްޑް
އެންޑް ހޯމް އެކްސްޕޯއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި
އިންޓަރވިއުއެއްގައި މަސީގެ ނައިބް ރައީސް އަދްނާން ހަލީމް ވިދާޅުވީ މިއަހަރުގެ
އެކްސްޕޯގެ ސްޓޯލްތަކުގެ އަދަދު މަދު ނަމަވެސް އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ބޮޑުކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.



އެގޮތުން
އަންނަ އަހަރުގެ އެކްސްޕޯގައި ގިނަ އަދަަދަކަށް ބޭރުގެ ފަރާތްތައް
ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަަބަބުން މި އެކްސްޕޯ ވެގެންދާނީ ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ
ވިޔަފާރިވެރިންނާއި ގުޅުވާލުމަށް އެޅިގެންދާ ފާލަމެއް ކަމަށް އަދްނާން ވިދާޅުވިއެވެ.



އަދްނާން
ވިދާޅުވީ މަސީގެ ބިލްޑް އެންޑް ހޯމް އެކްސްޕޯއަކީ ހަމައެކަނި ކޮންސްޓްރަކްޝަން
ސިނާއަތުގެ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެއް ނޫންކަމަށާއި މި އެކްސްޕޯ
އަކީ އާއްމު ރައްޔިތުންނާއިވެސް ގުޅުންހުރި އެކްސްޕޯއެއް ކަމަށެވެ.



ދިވެހި
ވިޔަފާރިވެރިން މި އެކްސްޕޯގައި ބައިވެރިވާ އަދަދު އިތުރު ކުރުމަށްވެސް
މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަދުނާން ވިދާޅުވިއެވެ.



މިއަހަރުގެ
މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯއަށް އާއްމުންގެ ގިނަ އަދަދެއްގެ ފަރާތްތަކުން
ޒިޔާރަތްކޮށްފައިވާ ކަމަށާއި އެކްސްޕޯ ކާމިޔާބް ކަމަށް މަސީއިން ހާމަކުރެއެވެ. މިއަހަރުގެ
އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ އަދަދު ފަންސާހާއި ގާތްކުރާ އިރު، މިއަހަރުގެ
އެކްސްޕޯގައި ޢިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތަކާއި ކޮންސްޓްރަކްޝަން
ކޮންސަލްޓެންސީ ދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ
ފަރާތްތަކާއި އެފަދަ ޚިދުމަތްދޭ ފަރާތްތަށް ހިމެނެއެވެ.