ޚަބަރު

އުއްމަތުގެ މަޞްލަޙަތުތައް ޙާސިލްކުރުމަށްޓަކައި އެއްގަލަކަށް އެރުން މުހިއްމު: ޢީދު ޚުތުބާ


އަހަރުމެންނަކީ ބައިބައިނުވެ އުތްމަތުގެ މަޞްލަޙަތުތައް ޙާސިލްކުރުމަށްޓަކައި އެއްގަލަކަށް އަރާ މަސައްކަތް ކުރާ ބަޔަކަށްވުމައަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައްވައިފިއެވެ.

މިއަހަރުގެ އަޞްޙާ ޢިދޫ ޚުތުބާ ޚާއްސަކޮށްފައިވަނީ ޢީދުލް އަޟްޙާގެ ޙަޤީޤަތާއި މަޤްޞަދު ތަކަށެވެ.

މިއަހަރު ރާއްޖޭގައި އެކި ހިސާބުތަކުގައި ކުރިއަށްދިޔަ ޢީދު ނަމާދުގެ ޚުތުބާގައި ވަނީ މާތް ﷲއަށް ބިރުވެތިވެ ތަޤްވާވެރިވުމަށާއި މި ޢީދާއެކު ދިިރިއުޅުމުގެ ރަނގަޅު އައު ޞަފްހާއެއް ހުޅުވާލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި އައު ޞަފްޙާގެ ތެރެއިން އަޅުގަނޑުމެންގެ މިއަދުގެ ޙާލަތު މިއަށްވުރެ ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ޚުތުބާގައި ވަނީ އަޅުގަނޑުމެންނަށް ޢިއްޒަތާ ޤަދަރު ލިބިގެން ވާނީ މުޅި ޙަޔާތުގެ ސަމުގާއަކީ އިސްލާމް ދީނާއި އެދީނުގެ ރިވެތި އަޚްލާގު ކަމުގައި ހަދައިގެންކަން ފާހަގަކުރައްވާފައެވެ.

މި ޢިއްޒަތާއި ޤަދަރު ޙާސިލް ކުރެވޭނީ އަހަރެމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހަރުދަނާކޮށްގެންކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ އަހަރުމެންނަކީ ބައިބައިނުވެ އުއްމަތުގެ މަޞްލަހަތުތައް ޙަސިލްކުރުމަށްޓަކައި އެއްގަލަކަށް އަރާ މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވީ އެއްބައިވަންތަކަމާއި އެކުވެރިކަންކަމަށާއި، ލިބިފައިވާ ނާކާމިޔާބުތަކުގެ ސަބަބަކަށްވީ ބައިބައިވުންކަން ފާހަގަކުރެއްވިއެވެ.

"އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ!(ދެބަސްވެ އަރާރުންވާނަ) ތިޔަބައިމީހުން ފިނޑިވެ، ތުޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ.އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ.ﷲވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

ޢީދު ޚުތުބާގައި ވަނީ އިބްރާޙިމް ޢަލައިހި ޞަލާމް އިމްތިޙާން ކުރެއްވީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށްޓަކައިކަން ފާހަގަކުރައްވާފައެވެ. އަދި އިބްރާޙިމްގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާންއަކީ ދުނިޔެ މަތީގައި މީހަކަށް ކުރިމަތިލާން ނުޖެހޭފަދަ ބޮޑު އިމްތިހާނެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ މުސްކުޅިވި ދުވަހު އެކަލޭގެފާނަށް ލިބިވަޑައިގަންނެވި ދަރިކަލުން ޤުރުބާން ކުރައްވަން ޖެހިވަޑައިގެންވިކަން ހަނދުމަކޮށްދެއްވާފައެވެ. އަދި އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާޢިލްގެފާނުގެ ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި މާތް ﷲ އަށް ކިޔަމަންގަތުމަށްފަހު މައިންބަފައިންގެ ބަސްއަހަން ޖެހޭނެކަމުގެ ހެޔޮ މިސާލުކަންވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"އަދި ޤަދަރު ބޮޑުވެގެންވާ ( ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ. އިބްރާހީމްގެފާނުގެ މައްޗަަށް ސަލާމް ހުށްޓެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ. އަދި ޞާލިހުންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައިވާ އިސްޙާޤުގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނާއި، އިސްހާޤުގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ބަރަކާތް ލެއްވީމެވެ." މާތް ﷲގެ ވަޙީގެ ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާ ނިންމަވާލައްވަމުން ވަނީ މާތް ﷲ އަށް ތަޤްވާވެރިވުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނުގެ އަޤީދާގައި ވަރުގަދައަށް ހިފަހައްޓައި ދީނުގެ ވާޖިބުތަކާއި ފަރުޞުތަކަށް ރައްކާތެރިވެ ފުރިހަމައަށް އަދާކުރުމަށް ނަޞޭހަތްތެރިވެފައެވެ.