ޚަބަރު

މީމު އެއަރޕޯޓް ރަންވޭއަށް ބޭނުންވާ ބިން ހިއްކަން ފަށައިފި


މުލީ އެއަރޕޯޓްގެ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ. ރަންވޭގެ މަސައްކަތް ފެށުމަށް 14 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

"މީމު އެއަރޕޯޓް" ތަރައްޤީކުރަނީ މުލަކަތޮޅު މުލީގައެވެ. މީމު އެއަރޕޯޓަކީ މ.އަތޮޅުގައި އަދި އެ ސަރަޙައްދުގައިވެސް ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓެވެ.

މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ކުރަމުންނެވެ.

ޕްރޮޖެކްޓް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވަމުން އެމްޓީސީސީން ވިދާޅުވީ ޕްރޮޖެކްޓްގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރުވަނީ އެއަރޕޯޓް ފަޔަރ ބިލްޑިންގެ ކޮންސްޓަރކްޝަން މަސައްކަތް ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ފައުންޑޭޝަންގެ މަސައްކަތްވަނީ ފަށާފައެވެ.

އެމްޓީސީސީން މިހާރު މިވަނީ އެއަރޕޯޓްގެ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. 14 ހެކްޓަރުގެ ސަރަޙައްދެއް ހިކުމަށް ހަމަޖެހިފައިވާއިރު، ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ޖަހާ، ވެލި އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އަދި ހިއްކާ ސަރަަޙައްދު ޙިމާޔަތް ކުރުމަށް 1812 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ތޮއްޓެއް ލާނެއެވެ. މުލީ އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. އެއީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. އެއަރޕޯޓްގެ އޭޕްރަންއާއި ޓެކްސީވޭގެ މަސައްކަތްވެސް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.

މިއީ ސަރުކާރުން 243.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މުލަކަތޮޅުގެ އާބާދީ އުޅެނީ 7000އިން މަތީގައެވެ. އެއީ މީހުން ދިރިއުޅޭ 8 ރަށެވެ. މުލަކަތޮޅުގެ ރައްޔިތުން އެއަރޕޯޓެއްގެ ހުވަފެން ދެކޭތާ ތިރީހަކަށް އަހަރު ވެފައިވާކަމަށް އެ ރަށްރަށުގެ ރައްޔިތުން ބުނެއެވެ.

މުލަކަތޮޅަކީ ރަށު ފަތުރުވެރިކަމަށްވެސް ވަންނަމުން އަންނަ އަތޮޅެކެވެ. އެއަރޕޯޓެއް ނެތުމަކީ އަތޮޅުގެ އިޤްތިޞާދާއި، އަދި އަތޮޅަށް ގެންނަން ބޭނުންވާ ތަރައްޤީއަށް ހުރަސް އެޅިފައިވާ ކަމެއްގެ ގޮތުގައި ރައްޔިތުން ޤަބޫލުކުރެއެވެ. އެހެންކަމުން މި އެއަރޕޯޓް ވެގެންދަނީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދަކަށެވެ.

ސަރުކާރުން އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުން ތިރީސް މިނެޓުގެ ދަތުރެއްކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް އޮތުމެވެ.