ކުޅިވަރު

ގައުމީ މުބާރާތް ކާމިޔާބުކޮށް ސިޓީން ރިކޯޑާ ހަމަކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކުލަބުން މީގެ ކުރިން ހަދާފައިވާ ވޮލީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ ރިކޯޑާ ސްޕޯޓްސް ކުލަބު ސިޓީ ހަމަކޮށްފިއެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ދިވެހި ސިފައިންގެ ކުލަބުން ވަނީ ވޮލީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ރިކޯޑާ ސިޓީން ހަމަކުރީ މި ސީޒަނުގެ ތިން މުބާރާތް ކަމަށްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕާއި، ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ މުބާރާތް ކާމިޔާބުކޮށްގެންނެވެ. މި ސީޒަނުގެ ތިން މުބާރާތް ސިޓީން ކާމިޔާބުކުރިއިރު، މުޅި ސީޒަނުގައި އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ގައުމީ ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ސިފައިން ލީޑުކޮށްގެން ކުޅުނުއިރު، އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ޝޯން ޓީ ޖޯން އާއި، މަނޫ ޖޯސެފް އަދި ކާރްތިކުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެކަމަކު ސިޓީން ވަނީ ސެޓުގެ ވަކި ހިސާބަކުން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ވިނީތު ކުމާރް އަދި ހަރްދީޕް ސިންގެ މޮޅު ކުޅުމާއެކު މި ސެޓު ސިޓީން ކާމިޔާބުކުރީ 25-22 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ފަށައިގެން ސިފައިންގެ ޓީމުގެ ކެޕްޓަން އަދި ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި މުޙައްމަދު މިމްރާހް ހަސަން (މިންމި) ގެ މޮޅު ކުޅުމާއެކު ސިފައިން ލީޑުކޮށްގެން ކުޅުނު ނަމަވެސް، ސެޓުގެ މެދުތެރެއިން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި ސެޓު ވާދަވެރި ކުޅުމަކަށްފަހު ސިފައިން ކާމިޔާބުކުރީ 31-29 އިންނެވެ.

އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ސިފައިންގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާއެކު މި ދެ ސެޓު ސިޓީން ވަނީ ފަސޭހަކަމާއެކު 25-17 އަދި 25-16 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސިޓީގެ ކެޕްޓަން ހުޒަންޓެއަށެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ސިޓީގެ ހަރްދީޕަށެވެ.