ސިއްހަތު

ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުން ތ.އަތޮޅުގައި ބައްލަވަނީ


ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުން އަތޮޅުތަކަށް ފޮނުއްވުމުގެ ޕްރޮގްރާމްގެ ދަށުން، އެފަދަ ޑޮކްޓަރުން މާދަމާ ތ. އަތޮޅު ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ފައްޓަވާނެކަމަށް އާސަންދަ ކޮމްޕެނީން ހާމަކޮށްފިއެވެ.އެ ކުންފުނިން ހާމަކުރާ ގޮތުގައި ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސްޕެޝަލިސްޓު ޑޮކްޓަރުން ތ. އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި މާދަމާއިން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ޑޮކްޓަރުން ބައްލަވާނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.އާސަންދަ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޒަމީރާ ވިދާޅުވީ، ތ. އަތޮޅު ހޮސްޕިޓަލުގައި ތަފާތު 3 ދާއިރާކުން ޑޮކްޓަރުން ބައްލަވާނެ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އެތެރެހަށީގެ، ކަށީގެ، އަދި ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން ކަމަށެވެ. އަދި ށ. މިލަންދޫގައިވެސް ޑޮކްޓަރުންގެ ޓީމެއް މިމަހުގެ 27 އިން ފެށިގެން ހަރަކާތްތެރިވަމުންދާކަމަށް އާސަންދަ ކޮމްޕެނީން މައުލޫމާތު ދެއްވައެވެ.ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ވަނީ ނިމިފައެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ދިވެހިންގެ ތެރޭގައި މައިބަދައިގެ މައްސަލަތަކާއި، ކަރުންމަތީގެ ބަލިތަކަށް ދައްކާ ބަލިމީހުންގެ އަދަދު ގިނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކުރައްވާފައިވެއެވެ.  މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 83 ޑޮކްޓަރުން ރާއްޖެއަށް ޒިޔާރަތްކޮށް، 5,000 އަށް ވުރެ ގިނަ ބަލިމީހުން ބައްލަވާފައިވެއެވެ. ތަފާތު 18 ދާއިރާއަކުން ޑޮކްޓަރުން ގެނެސްފައިވާއިރު، އޭގެތެރޭގައި ނާރުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ކެންސަރާއި ލޭގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.