ޚަބަރު

އެންމެފަހުން ޖޮންސަން އިސްތިޢުފާދެއްވައިފި


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އިސްތިޢުފާދެއްވައިފިއެވެ. އޭނާ އިސްތިޢުފާދެއްވާފައިވަނީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންސަވޭޓިވު ޕާޓީގެ ގިނަ މެންބަރުންގެ އިތުބާރު އޭނާއަށް ގެއްލިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާގެ ބޭރުގައި ހުންނަވައި އޭނާ އިސްތިޢުފާދެއްވައިކަން އިޢުލާނުކުރައްވަމުން ޖޮންސަން ވިދާޅުވީ ދުނިޔޭގެ އެންމެ މޮޅު ވަޒީފާއިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ ވަރަށް ހިތާމަކުރައްވާކަމަށެވެ. ނަމަވެސް ސިޔާސީ ބޭފުޅަކަށްވި ނަމަވެސް ކުށެއް ކުރެވިއްޖެނަމަ އެ ކަމުގެ އަދާކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރޭގައި އޭނާއާމެދު އޮތް ހިތްހަމަނުޖެހުން ޙައްލުކުރެއްވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ހިތާމަކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢުމުރުފުޅުން 58 އަހަރުގެ ޖޮންސަން އިސްތިޢުފާދެއްވި ނަމަވެސް ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެން އޭނާ މަޤާމުގައި ހުންނަވާނެއެވެ. އޭނާ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.