ޚަބަރު

ފަރެސްމާތޮޑާގައި ކުރިން ކުނިގޮނޑު އޮތް ސަރަޙައްދުގައި ހިތްގައިމު ޕާރކެއް


އިންޑިއާ ސަރުކާރުގެ އެހީގައި ގދ.ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު" ޕާރކް ހުޅުވައިފިއެވެ.

މި ޕާރކް ހެދުމުގެ ކުރިން އެ ސަރަޙައްދަކީ މާތޮޑާ އަވަށުގެ ކުނި ގޮނޑެވެ.

މި ޕާރކް ހުޅުވައިދެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރު އާއި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރ އަޙްމަދު ނަޞީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާރކް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަނީ، އާންމުންގެ ބައިވެރިވުމާއިއެކު ފޯރިގަދަ ކުޅިވަރުގެ މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައްވެސް ކުރިއަށްގޮސްފައިއެވެ.

އާންމުންނަށް ހުޅުވާލެވިފައިވުމުން އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމަށް ރައްޔިތުންނަށް ބޭނުންކުރެވިދާނެ ފަދަ ތަނެއްގެގޮތުގައި މި ޕާރކްވެގެންދާނެއެވެ. އަދި ދުޅަހެޔޮކަމާއި އައުޓްޑޯ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ ތަނެއްކަމުގައިވެސްމެއެވެ.

މި ބޮޑު ބަގީޗާގައި ކުޑަކުދިން ކުޅޭނެ ތަނަކާއި ބެޑްމިންޓަން ކުޅުމަށް ހާއްސަ ދަނޑެއްގެ އިތުރުން އައުޓްޑޯ ޖިމަކާއި ހިތްހަމަޖައްސައިލުމަށް އެކި މައިޒާންތައް ހަދާފައިވެއެވެ. މި ތަނަށް އިތުރު ފުރިހަމަކަމެއް ލިބެނީ މި ސަރަހައްދުގެ ބޮޑު ފެންގަނޑުންނެވެ.

މި ޕާރކްއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީގެ މައްޗަށް ބިނާވެފައިވާ މި މަޝްރޫޢުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދެމެހެއްޓެނިވި ތަރައްޤީ، ތާޢުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްޙީ ދާއިރާ، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާވެސް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި މިހާރުވަނީ ނިމިފައިއެވެ.

އިންޑިއާއިން ދިވެހިރާއްޖޭގައި ހިލޭ އެހީގެގޮތުގައި ހިންގޭ މިފަދަ މަޝްރޫޢުތައް ބިނާ ވެފައިވަނީ އެ މުޖްތަމަޢުއަކަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މައްޗަށް ބަލާ، އުމްރާނީ ތަރައްޤީ ބިނާކުރުމަށެވެ. އަދި މި މަޝްރޫޢުތައް ހަމަޖައްސަނީ ދިވެހިރާއްޖޭގެ ސަރުކާރުން، ތަރައްޤީގެ އިސްކަންދީފައިވާ ގޮތުގެ މައްޗައް ބަލާފައިއެވެ. މިގޮތުން މި މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކާއި ކަމާއި ބެހޭ މިނިސްޓްރީތަކަށެވެ.