ތިން ރޭ ކަނުއަނދިރީގައި ނިދުމަށްފަހު ކަރަންޓުގެ އަލި ވަރަށް އަވަހަށް ލިބޭނެކަމުގެ އުއްމީދު ތިނަދޫ ރައްޔިތުން ކުރަން ފަށައިފިއެވެ. މިއަދު ހެނދުނު 2 ޖަނެރޭޓަރު ތިނަދުއަށް އައުމާއިއެކު ގިނަ ރައްޔިތުން ވަނީ ޖަނެރޭޓަރު ގެނައި ސަރަހައްދަށް އެއްވެ އެމީހުންގެ އުފާވެރި ޝުޢޫރު ފާޅުކޮށްފައެވެ.އަންގާރަ ވިލޭރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު ތިނަދޫ ރައްޔިތުން އުޅެމުން އައީ ވަރަށްވެސް ހިތްދަތި ދަތިހާލުގައެވެ. އަސާސީ އެންމެ މުހިންމު ޚިދުމަތާއި ނުލާ އުޅެން ޖެހުމަކީ މިރަށުގެ ރަށްޔިތުން ކޮންމެ ރެޔަކު ކުރާ ހިތްދަތި އިހުސާސެކެވެ. ޚާއްސަކޮށް ކަނު އަނދިރީގައި ކުޑަކުދިން ގޮވައިގެން އުޅެން ޖެހުމަކީ މައިންނަށް ހިތްދަތިކަން އިންތިހާއަށް ތަހައްމަލްކުރަން ޖެހުނުކަމެކެވެ.ޕީއެސްއެމްގެ ނިއުސް ޓީމުން ރޭ ތިނަދޫގެ ގޭގެއަށް ދިއުމުން ފެނިގެން ދިޔައީ ވަރަށް ހިތްދަތި މަންޒަރުތަކެކެވެ. ގޭގެއިން އެނދުތައް މަގުމައްޗަށް ނެރެގެން ދަރިން ނިންދަވަން ބައެއް މައިން ވަގުތުތައް ހޭދަކުރަމުން ގެންދިޔަ މަންޒަރެވެ. ނަމަވެސް 3 ރެއަށްފަހު މިއަދު މިރަށުގެ ރައްޔިތުން ތިބީ ވަރަށް ފޮނި އުއްމީދެއްގައެވެ. 24 ގަޑިއިރު ކަރަންޓު ފޯރުކޯށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން 2 ޖަނެރޭޓަރު ތިނަދުއަށް މިއަދު ހެނދުނު ގެނައުމާއިއެކު ގިނަ ޢަދަދެއްގެ ރައްޔިތުން ތިނަދޫ ބަނދަރު ސަރަހައްދަށް ނިކުމެފައިވެއެވެ. ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރި ހިތްގައިމު މަންޒަރުތަކެކެވެ. އޭގެތެރެއިން ބައެއް ފަރާތްތައް އެމީހުންގެ އިހްސާސްތައް އަޅުގަނޑުމެންނާއި ހިއްސާކުރީ އުއްމީދުން ފުރިގެން ތިބެއެވެ. ސަރުކާރަށާއި، ފެނަކަ ކޯޕަރޭޝަނަށާއި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ރައްޔިތުން ޝުކުރުގެ ބަސްތައް އަދާކުރަމުންދިޔައެވެ.ފެނަކަ ކޯޕަރޭޝަނުން ތިނަދޫގެ މުހިންމު މުޢައްސަސާތަކަށާއި ސްކޫލަށް ކަރަންޓު ފޯރުކޮށްދެއްވަން ފަށްޓަވާފައިވާއިރު، މިއަދު މިރަށު ރައްޔިތުން ވަނީ ބޮޑު ޖަމާޢަތުގައި ހުކުރު ކޮށްފައެވެ. މިރަށު 3 މިސްކިތުގައިވެސް މިއަދު ހުކުރު ކުރިއެވެ. ފެނަކަ ތިނަދޫ ބްރާންޗުން މަޢުލޫމާތު ދެއްވާގޮތުގައި މާދަމާގެ ވަގުތެއްގައި ދާއިމީ ގޮތެއްގައި ކަރަންޓު ފޯރުކޮށްދެއްވަން ފަށްޓަވާނެއެވެ. ކޮންމެއަކަސް ތިނަދޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ ވީހާވެސް އަވަހަށް ކަރަންޓު ލިބި، މިހާރު އުޅެމުންދާ ހިތްދަތި ދިރިއުޅުމުން އަރައިގަތުމެވެ.