ޚަބަރު

ޔޫކްރެއިނުގެ ގޮވާން ބަރުކޮށްގެން ދަތުރުކުރި ރަޝިޔާގެ އާގުބޯޓެއް ތުރުކީވިލާތުން ހިފަހައްޓައިފި


ޔޫކްރެއިންގައި ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ސަރަޙައްދުތަކުގައި ހައްދާ ގޮވާމުގެ ބާވަތްތައް ވަގަށް ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ރަޝިޔާގެ އާގުބޯޓެއް ތުރުކީވިލާތުގެ ކަސްޓަމްސުން ހިފަހައްޓައިފިއެވެ. މި ބޯޓު ހިފަހައްޓާފައި ވަނީ ބްލެކް ސީގެ ތުރުކީ ވިލާތުގެ އައްސޭރިފަށުގެ ރަށެއް ކަމުގައިވާ ކަރާސޫ ބަނދަރު ކައިރިންނެވެ.

ރަޝިޔާގެ އާގުބޯޓު ހިފަހައްޓާފައި ވަނީ، ޔޫކްރެއިން ސަރުކާރުގެ އެދުމުގެ މަތިންނެވެ. ޔޫކްރެއިނުން ބުނީ، ރަޝިޔާގެ ބޯޓަށް ބަރުކޮށްފައި ވަނީ އެ ޤައުމުގައި ހައްދާ ގޮވާމުގެ ބާވަތްތައް ކަމުގައެވެ. އަދި، އެއީ ވަގަށް ގެންގޮސްފައިވާ ޝިޕްމަންޓުތަކެއް ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. ތުރުކީވިލާތުން ބުނީ، ރަޝިޔާގެ އާގުބޯޓު ހިފަހައްޓާފައި ވަނީ، ޔޫކްރެއިނުން ކުރަމުންދާ ތުހުމަތުތަކުގެ ހަޤީޤަތް ހޯދުމަށް ތަހުޤީޤު ކުރުމުގެ ގޮތުން ކަމުގައެވެ.

މި ތަހުޤީޤުގެ ދަށުން، ރަޝިޔާގެ އިތުރުން އދއާ އެކު ވެސް މަޝްވަރާ ކުރަމުންދާ ކަމުގައި ތުރުކީ ވިލާތުން ބުނެއެވެ. ޔޫކްރެއިނުގެ ޚާރިޖީ ވުޒާރާއިން ބުނީ ރަޝިޔާ އާގުބޯޓުގައި 4,500 ޓަނުގެ ގޮވާން ހުރި ކަމުގައެވެ. އަދި، އެއީ ރަޝިޔާއިން ހިފާފައިވާ އެ ޤައުމުގެ ސަރަޙައްދެއް ކަމުގައިވާ ބަރްދިޔަންސްކުން ބަރުކޮށްފައިވާ ޝިޕްމަންޓެއް ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

ރަޝިޔާގެ އާގުބޯޓުތަކުން ޔޫކްރެއިނުން ގޮވާން ބަރުކޮށްގެން ސޫރިޔާއަށް ދަތުރު ކުރާ މަންޒަރު ދަށްކުވައިދޭ ސެޓެލައިޓް ފޮޓޯތަކެއް މީގެ ކުރިން ވެސް އެމެރިކާއިން ވަނީ ޢާންމުކޮށްފައެވެ. ނަމަވެސް، ޔޫކްރެއިނުގައި ހައްދާ ގޮވާމުން ވައްކަން ކުރާ ކަމަށް ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ.