ޚަބަރު

ބަޠަލާ ލިންޒީ ލޯހަން ކައިވެނިކޮށްފި


"މީން ގާލް" ގެ ތަރި ލިންޒީ ލޯހަން ކައިވެނިކޮށްފިއެވެ.

ލޯބިވެރިޔާ ބޭޑާ ޝަމަސްއާއި ލިންޒީ އެންގޭޖްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކައިވެނިކުރި ވާހަކަ ލިންޒީ ފޭނުންނާ ހިއްސާކުރީ އިއްޔެ ފާހަގަކުރި އޭނަގެ 36 ވަނަ އުފަން ދުވަސް ފާހަގަކުރަން އިންސްޓަގްރާމްގައި ބައިވެރިޔާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީގައެވެ. ފޮޓޯ ހިއްސާކުރަމުން ލިންޒީ ބުނީ އޭނަ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުފާވެރި އަދި އެންމެ ނަސީބުގަދަ އަންހެނާ ކަމަށެވެ.

ދުވަސްގަނޑެއް ވަންދެން ލިންޒީ ދިރިއުޅުނު ދުބާއީން ދިމާވި ޝަމަސްއާއި ލިންޒީ ލޯބީގެ ގޮތުން ގުޅުނީ މީގެ 3 އަހަރު ކުރިންނެވެ.

ޝަމަސް އަކީ ސްވިސް އިންވެސްޓްމަންޓް ބޭންކް، ކްރެޑިޓް ސްވީޒްގެ ވައިސް ޕްރެޒިޑެންޓެވެ. މީގެކުރިން 2016 ވަނަ އަހަރު ރަޝިއާގެ ވިޔަފާވެރިޔާއެއް ކަމަށްވާ އިގޯ ޓަރަބަސޯވްއާ ވެސް ލިންޒީ އެންގޭޖްވިއެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން އެ ދެމީހުންގެ އެންގޭޖްމަންޓް ވަނީ ރޫޅާލާފައެވެ.

ރަޝިއާގެ ވިޔަފާރިވެރިޔާގެ އިތުރުން ލިންޒީ އާއި ސައުދީ އަރަބިއްޔާގެ މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ދެމެދުވެސް ޚާއްސަ ގުޅުމެއް އޮތްކަމުގެ ވާހަކަތަކެއް މީގެ 2 އަހަރެހާ ކުރިން ވަނީ ފެންމަތިވެފައެވެ.

އުމުރުން 36 އަހަރުގެ ލިންޒީ އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ދެއްކި "އެމޮންގް ދަ ޝެޑޯސް" އިންނެވެ. ލިންޒީގެ ހިޓް ފިލްމުތަކުގެ ތެރޭގައި "ފްރީކީ ފްރައިޑޭ"، "ދަ ޕޭރެންޓް ޓްރެޕް"، "ބޮބީ"، "ލައިފް ސައިޒް" އަދި "ނޯ ހޫ ކިލްޑް މީ" ހިމެނެއެވެ.

ލިންޒީ ދެން އެންމެ އަވަހަށް ފެންނާނީ ރޮމޭންޓިކް ކޮމެޑީ "ފޯލިން ފޯ ކްރިސްމަސް" އެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.