ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެއަށް 34 މިލިއަން ޑޮލަރުގެ އެހީއެއް


ވޯލްޑް ބޭންކުން ރާއްޖެއަށް 34 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުން ރާއްޖެއަށް ޚާއްސަކޮށްފައިވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ރާރވޮސްއެވެ.

ވޯލްޑް ބޭންކުގެ މި އެހީގެ ތެރެއިން 23 މިލިއަން ޑޮލަރު ނުވަތަ 370 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ކަންކަން ކުރިއެރުވުމަށާއި، ވަޒީފާ ނެތް ފަރާތްތަކަށް ބޭނުންވާ އެހީވުމަށް ބޭނުންވާ "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނިފިޓް ސްކީމް" ހިންގުމަށެވެ.

ވަޒީފާނެތް ފަރާތްތަކަށް ޚާއްސަ އިނާޔަތެއް ދިނުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންއެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށާއި، "އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސްގެ ޚިދުމަތް ތަޢާރަފުކޮށް ފުޅާކުރުމަށް "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް" ނުވަތަ "ސެއިލްސް ޕްރޮޖެކްޓް" ހިންގުމަށް ވޯލްޑް ބޭންކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސެއިލްސް ޕްރޮޖެކްޓުގެ ދަށުން އަންއެމްޕްލޯއިމެންޓް ބެނެފިޓް ސްކީމެއް ޤާއިމުކުރުމަށާއި، އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާއި ގުޅުންހުރި ޚިދުމަތްތައް ނުވަތަ "އެމްޕްލޯއިމަންޓް ސާރވިސަސް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވޯލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

ވޯލްޑް ބޭންކުން ފޯރުކޮށްދިން އެހީގެ ބާކީ 10 މިލިއަން ޑޮލަރު ނުވަތަ 154.2 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްޤީގެ މަސައްކަތްތައް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށެވެ.

މި އެހީއަކީ ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށްދޭ އެހީއެކެވެ.

ވޯލްޑު ބޭންކުން ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައިވީނަމަވެސް، އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި އަދި ފެންވަރު ރަނގަޅު، ހާއްސަކޮށް އަތޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި ގާނޫނީ ނިޒާމުގައި ހުރި ފަރަގުތަކުގެ އިތުރުން، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިވެފައިވާ ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގޮނޑުދޮށްތައް ގިރުން ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ ސަބަބުން ލާމަރުކަޒުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފުމުގެ ބޭނުންތެރިކަން އިތުރަށް ވަނީ ބޮޑުވެފައިކަން ވޯލްޑު ބޭންކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން، ޖަޒީރާ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ އަދި ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރަމުންދާ ކަމަށްވެސް ވޯލްޑު ބޭންކުން ވިދާޅުވެއެވެ.