ޚަބަރު

ނޫސްވެރިކަމުގެ އިނާމުގައި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ހޮވަނީ


އެހެން އަހަރުތަކާއި ޚިލާފަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.

މީޑިޔާ ކައުންސިލުންވަނީ ބޮޑެތި ބަދަލުތަކަކާއެކު މިއިނާމަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުވަނީ ދެ ކެޓެގަރީއަކަށް ބަހާލާފައެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި ބްރޯޑްކާސްޓިން ކެޓަގަރީއެވެ. އެގޮތުން ނޫސްމަޖައްލާ ކެޓަގަރީގައި ހިމެނެނީ އޮންލައިން ނޫސް މަޖައްލާތަކާއި ޕްރިންޓް މީޑިއާއެވެ. އަދި ބްރޯޑްކާސްޓިން ކެޓަގަރީގައި ހިމެނެނީ ޓީވީ ރޭޑިޔޯގެ އިތުރުން ސްޓްރީމިން މީޑިއާތަކެވެ.

މިފަހަރުގެ ނޫސްވެރިަކުމުގެ އިނާމަށް އައު ދާއިރާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަޤާމެވެ. މި އިނާމަކީ ވަކި ދާއިރާއެއް ޚާއްޞަކުރުމަކާނުލައި މުޅި އަހަރުތެރޭގައި އެ ނޫސްވެރިއަކު ގެނެސްދީފައިވާ ހުށައެޅުންތަކަށް ބަލައިގެން އެންމެ މޮޅު ނޫސްވެރިއާ ހޮވާ ދާއިރާއެކެވެ. އެމްއެމްސީން ވަނީ އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ އުވާލާފައެވެ. މި ދާއިރާ އުވާލީ ތަރުޙީބުކުޑަވުމުގެ ސަބަބުންކަމަށް އެމްއެމްސީން ވިދާޅުވެއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި އަލަށް އިތުރުކުރި ބަޔަކާއެކު ޖުމްލަ 12 ދާއިރާއަކުން 22 އެވޯޑެއް ދިނުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ތަޙުޤީޤީ ނޫސްވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާޢީ ދާއިރާއާއި، ސިޔާސީ ދާއިރާއާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހިމެނެއެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ކުޅިވަރާއި، ފޮޓޯ ޖަރނަލިޒަމް، ވީޑިއޯ ޖަރނަލިޒަމް، ގްރެފިކްސް އަދި އިލެސްޓްރޭޝަންގެ އިތުރުން ފީޗާރ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއާއި، އެންމެ އުއްމީދީ ނޫސްވެރިޔާވެސް މިފަހަރު ހޮވާނެއެވެ. މީގެ ތެރެއިން ފޮޓޯ ޖަރނަލިޒަމާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއާއި، އެންމެ އުއްމީދީ ނޫސްވެރިކަމުގެ އިނާމަކީ ވަކި ކެޓަގަރީއަކަށް ނިސްބަތްނުވާ ހުރިހާ ނޫސްވެރިންނަށްވެސް ކުރިމަތި ލެވޭނެ ދާއިރާތަކެކެވެ. އެހެންނަމަވެސް ބާކީ ހުރި ދާއިރާތަކަށް ކުރިމަތިލެވޭނީ ބްރޯޑްކާސްޓިންއާއި ނޫސްމަޖައްލާގެ ކެޓަގަރީންނެވެ.

އުއްމީދީ ނޫސްވެރިޔާއާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަދި ފީޗާރ ދާއިރާ ފިޔަވައި ކޮންމެ ނޫސްވެރިއަކަށްވެސް އިނާމަށް އެދި ހުށައެޅޭނީ ގިނަވެގެން އެއްދާއިރާއަށެވެ. އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށައަޅާނީ އެ ނޫސްވެރިއަކު މަސައްކަތްކުރާ މީޑީއާ ހައުސްއެއްގެ ފަރާތުންނެވެ. ދެންހުރި ދާއިރާތަކަށް ފަރުދީގޮތުން ނޫސްވެރިންނަށް ކުރިމަތިލެވޭނެއެވެ.

އުއްމީދީ ނޫސްވެރިޔާއާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަދި ފީޗާރ ދާއިރާއަށް ކުރިމަތިލާ ނޫސްވެރިންނަކީ މަދުވެގެން 9 މަސްދުވަހު ނޫސްވެރިކަމުގައި މީޑިއާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތަކަށްވާންޖެހޭނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު އިނާމުދިނުމުގެ އުޞޫލަށް ގެނެވުނު ބަދަލާއިއެކު މަދުވެގެން 7 ފަޑިޔާރުންގެ ޕޫލެއް ނެގުމަށް އެމް.އެމް.ސީން ވަނީ ނިންމާފައެވެ. އަދި ފަނޑިޔާރުކަންކޮށްދޭނެ ފަރާތްތައް ހޯދަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. ފަޑިޔާރުންގެ ޕޫލަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތިދުވަހެވެ. ފަޑިޔާރުންގެ ޕޫލްއިން ނަގާ 7 ފަޑިޔާރުން 5 ޕެނަލަކަށް ބަހާލުމަށްވެސް ވަނީ ނިންމާފައެވެ.

އެންމެ އުއްމީދީ ނޫސްވެރިޔާއަކަށް ހޮވޭނެ ފަރާތެއް ކަނޑައެޅުމުގައި ފަޑިޔާރުންގެ މާކްސްއާއި އިންޓަވިއު ޕްރެޒެންޓޭޝަންގެ އިތުރުން ތަޢުލީމަށް ބަލާނެއެވެ. އަދި އެންމެ މޮޅު ނޫސްވެރިޔާއަށް ހޮވޭނެ ފަރާތެއް ކަނޑައަޅާނީ ފަޑިޔާރުންގެ މާކުހާއި އިންޓަވިއު ޕްރެޒެންޓޭޝަންގެ އިތުރުން ތަޢުލީމާއި ތަޖުރިބާ އަދި އާއްމުންގެ ހޮވުމަށް ބަލާފައެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައަޅަން ބޭނުންވާ ފަރާތްތަކުން އިނާމަށް ނަން ހުށައަޅާ ފޯމާއެކު އެމްއެމްސީން ދޭ ޗެކްލިސްޓް ފުރިހަމަކުރުމަށްފަހު މީޑިއާ ކައުންސިލަށް އޯގަސްޓްމަހުގެ 11 ވަނަދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށައެޅޭނެއެވެ.

ނޫސްވެރިކަމުގެ އިނާމަކީ މީޑިއާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަޑުތަކަށް ތަބާވެ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ޚާއްސަ އިނާމެކެވެ.