ޚަބަރު

ކަނޑަށް ކުނި އެޅުމުން ނަކައި އަލިމަތާ ރިސޯޓު 3 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި


ކަނޑަށް ކުނި އެޅި މައްސަލައިގައި ނަކައި އަލިމަތާ ރިސޯޓު 3 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، ވ. އަލިމަތާ ރަށުގައި ނަކައި ރިސޯޓު ގްރޫޕުން ހިންގާ ނަކައި އަލިމަތާ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމާގުޅިގެން އެފަރާތުން ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ ޚިލާފުވެފައިވާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އަދި ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ޖުމްލަ 312750 (ތިންލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ނަކައި އަލިމަތާ ރިސޯޓު އީ.ޕީ.އޭ ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީ.ޕީ.އޭއިން ވަނީ އެ ރިސޯޓަށް އަންގާފައެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގައިވާގޮތުން ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ޚާއްސަކޮށްފައިވާ އަދި ތަންފީޒީ އިދާރާއިން ހުއްދަދީފައިވާ ތަންތަނަށެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކުޅި ޗަސްބިން، ރަށްރަށުގެ ފަޅުތެރެ، ފަރު، ފަޅު، ފިނޮޅު، ރަށްރަށުގެ އަތިރިމަތި، ރަށްރަށުގެ ހޭޅިފަށް، ބަނދަރު، ޕާކު އަދި މަގުމައްޗަށް ކުނި އެޅުމަކީ މި ގަވާއިދުގެ ދަށުން ކުށެކެވެ.