ޚަބަރު

އުދައިގެ ސަބަބުން ރަށްރަށަށް ހީނުކުރާފަދަ ގެއްލުންތަކެއް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައަރާ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މިގޮތުން ބައެއް ގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށާއި ދަނޑުގޮވާންތަކަށްވެސް ވަނީ ގެއްލުންތައް ލިބިފައެވެ. މިއާއެކު ގެތަކުގައި ދިިރުއުޅެމުންދިޔަ މީހުން ވަނީ ރަށުގެ އެހެން ގެތަކަށް ބަދަލުކޮށް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކަށް ބަލާއިރު ގދ. މަޑަވެއްޔަށް އުދަ އަރާ އެރަށަށް ވަނީ އެކިކަލަ ގެއްލުންތައް ލިބިފައެވެ. މިގޮތުން އެރަށުގެ 50 ހަކަށް ގެޔަށް އުދައިގެ އަސަރުކޮށް އެކި ކަހަލަ ގެއްލުންތައް ލިބިފައިވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަޑަވެލީ ކައުންސިލުން ވިދަޅުވީ، ގެތަކަށް ލޮނުވަދެ ގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާކަމަށެވެ. އަދި 22 ރޯ ހައުސްއަކަށާއި، އެތަންތަނުގައި ހުރި ތަކެއްޗައްވެސް ގެއްލުން ލިބިފައިވާކަމަށް ކައުންސިލުން ވިދަޅުވިއެވެ.

މީގެ އިތުރުން 17 ގެއެއްގައި ދިރިއުޅޭ މީހުން ވަގުތީ ބޯހިޔާވަހިތަކަށް ބަދަލުކުރަން ޖެހުނުކަމަށާއި، އެމީހުންނަށް އެހީތެރިވުމަށް މަސައްކަތައް ކުރަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހުނުނަމަވެސް ކައުންސިލްގެ ބަޖެޓުން އެކަން ކުރަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މަޑެވެއްޔަށް އުދަ އަރާ އެރަށުގައި ހުރި ދަނޑުތަކަށާއި ބޮޑެތި ގަސްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މަޑަވެލީގައި މިހާރު އަންނަނީ ގެއްލުން ލިބުނު ގެތައް ސާފު ކުރުމުގެ މަސައްކަތްތަކާއި ފެން ހިންދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މީގެ އިތުރުން ތ. އަތޮޅު ތިމަރަފުއްޓަށްވެސް އުދަ އަރާ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މިގޮތުން އެރަށުގެ ދެކުނު އަވަށުގެ ގިނަ ގެތަކަކަށް އުދައިގެ އަސަރުކޮށް ބައެއް އާއިލާތައް ވަނީ އެހެން ގެތަކަށް ބަދަލުވެފައެވެ. އަދި މިވަގުތު ކައުންސިލުގެ އެކަމަޑޭޝަންގައި 1 އާއިލައެއް އެބަތިބިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިހާތަނަށް 11 އަތޮޅަކުން 35 ރަށަކަށް އުދައިގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވެއެވެ. އުދައަރާ ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން އައްޑޫ ސިޓީގެ 1 އާއިލާއެއްވެސް ތިބީ ވަގުތީ ބޯހިޔާވަހިކަމުގައެވެ.

އެން.ޑީއެމް.އޭއިން ވިދާޅުވީ، އުދައިގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހަދަމުން އަންނަކަމަށެވެ. ރެއާއި މިއަދު މޫސުން ގޯސްވެ، ވައި ބާރުވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިތުރުގެ ބައެއް ރަށްރަށަށްވެސް އެކިވަރުގެ ގެއްލުން ލިބިގެން އެން.ޑީ.އެމް.އޭއަށް ވަނީ ރިޕޯޓްކޮށްފައެވެ.