ޚަބަރު

ޓާޓާއިން އޯޑިއޯން ބިމުގައި ތަރައްޤީކުރާ ލަގްޒަރީ އެޕާޓްމަންޓްތައް ގަތުމަށް ހުޅުވާލައިފި


އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އޯޑިއޯން ބިމުގައި ތަރައްޤީކުރާ ލަގްޒަރީ އެޕާޓްމަންޓްތައް ގަތުމަށް ހުޅުވާލައިފިއެވެ.

ޓާޓާ ކުންފުނިން އަންނަނީ ކުރީގެ އޯޑިއޯން ހުރި ބިމާއި، ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ޖުމްލަ 126 ލަގްޒަރީ އެޕާޓްމަންޓް ތަރައްޤީކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު އަމަލީ މަސައްކަތް ފަށާފައިވަނީ އޯޑިއޯން ބިމުގައެވެ.

"ލަގްޒަވަން - އޯޑިއޯން"ގެ ނަމުގައި ޓާޓާއިން އޯޑިއޯން ބިމުގައި ތަރައްޤީކުރާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރަމުންދަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެންނެވެ. އޯޑިއޯން ބިމުގައި ތަރައްޤީކުރަނީ 11 ފަންގިފިލާގެ ލަގްޒަރީ ކޮމްޕްލެކްސްއެކެވެ. މިތަނުގައި އެއް ކޮޓަރިއާއި، 3 ކޮޓަރީގެ އިތުރުން 3 ކޮޓަރިއާއި މެއިޑްރޫމް ހިމެނޭ އެޕާޓްމަންޓްތައް ހިމެނެއެވެ.

އޯޑިއޯނުން އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން 100،000 (އެއްލައްކަ) ރުފިޔާ ދައްކަން ޖެހެއެވެ. އަދި ބާކީ ފައިސާ ދައްކަން ޖެހެނީ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާ ވަރަކުން ބަހާލައިގެންނެވެ.

މި އެޕާޓްމަންޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ބޮޑުމިނަކީ 415.17 އަކަފޫޓެވެ. މި ފްލެޓްތަކުގެ އަގު އުޅެނީ 2 މިލިއަން ރުފިޔާއާއި 2.1 މިލިއަން ރުފިޔާއާއި ދެމެދުގައެވެ. 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ތެރޭގައި 2 ސައިޒެއް ހިމެނެއެވެ. އެއީ 982 އަކަފޫޓުގެ އެޕާޓްމަންޓާއި، 1048.09 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މީގެ ތެރެއިން 982 އަކަފޫޓުގެ އެޕާޓްމަންޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާއާއި 4.9 މިލިއަން ރުފިޔާއާއި ދެމެދުގައެވެ. އަދި 1048.09 އަކަފޫޓުގެ އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 5 މިލިއަނާއި 5.3 މިލިއަން ރުފިޔާއާއި ދެމެދުގައެވެ.

3 ކޮޓަރިއާއި މެއިޑްރޫމް ހިމެނޭ އެޕާޓްމަންޓަކުގެ ބޮޑުމިނަކީ 1141.85 އަކަފޫޓެވެ. މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 5 މިލިއަނާއި 6 މިލިއަން ރުފިޔާއާއި ދެމެދުގައެވެ. އޯޑިއޯންގައި ތަރައްޤީކުރާ އެޕާޓްމަންޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ތަންތަން ފިޔަވާ އެހެން ހުރިހާ އެޕާޓްމަންޓްތަކެއްވެސް ފަރުމާކޮށްފައިވަނީ ބެލްކަންޏެއްވެސް ހިމެނޭހެންނެވެ.

"ލަގްޒަވަން - އޯޑިއޯން" ކޮމްޕްލެކްސްގެ އެންމެ ތިރިއާއި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ދޫކުރާ ސްލޮޓްތަކަށާއި، ސައިކަލް ޕާކުކުރުމަށެވެ. އަދި އެންމެ މަތި ޓެރެސްގައި ރޫފް ޓޮޕް ސުވިމިންގް ޕޫލާއި، އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ޖިމަކާއި، ސްޕާގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަޙައްދާއި، ވައިފައި ލައުންޖަކާއި ޔޯގާ ސެންޓަރެއް ހިމެނެއެވެ. ބާކީ 9 ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށެވެ.

ޓާޓާއިން ބުނީ އެކުންފުނީގެ އަމާޒަކީ މާރިޗު 2025ގެ ނިޔަލަށް އޯޑިއޯންގެ މަސައްކަތް ނިންމާ އެޕާޓްމަންޓްތައް މީހުން ދިރިއުޅެން ދޫކުރަން ފެށުންކަމަށެވެ. މިތަނުގެ މަސައްކަތް ނިމޭއިރު ހުންނާނީ ހުރިހާ އެޕާޓްމަންޓެއްގައިވެސް ބަދިގޭ ކަބަޑް ސެޓް ހަރުކޮށް، ކޮޓަރިތަކާއި ލިވިންގ ރޫމް އޭސީކޮށް، ފާޚަނާތަކުގައި ފިކްސްޗާރޒް ހަރުކުރެވިފައިކަމަށް ޓާޓާއިން މަޢުލޫމާތުދެއެވެ.