ޚަބަރު

ގެދޮރުވެރިން ޕޯޓަލްއަށް 3000 އަށްވުރެ ގިނަ ފޯމް


ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި މިހާތަނަށް 3000 އަށްވުރެ ގިނަ ފޯމް ހުށައަޅައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ތައްޔާރުކޮށް، މިދިޔަ އާދީއްތަދުވަހު ލޯންޗުކުރި "ގެދޮރުވެރިން ޕޯޓަލް"އަށް 3219 ފޯމް މިހާތަނަށް ލިބިފައިވާކަމަށެެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމްގައި މިހާތަނަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި މިވަނީ 2 ހައުސިން ސްކީމަށެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ.

ސަރުކާރުން މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ.

މީގެތެރެއިން ފްލެޓް ދޫކުރުމަށް ޚާއްސަ "ގެދޮރުވެރިޔާ ސްކީމް"ގެ އެންމެ ބޮޑު ބޭނުމަކީ ތަނަވަސް ބޯހިޔާވަހިކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުޞަތު ފަހިވާގޮތަށް ކަށަވަރުކުރުމެވެ.

މި ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހާގެ ނަމުގައި ބިންކޮޅެއް އޮތްނަމަ، އެ ބިން ދޫކޮށްލާފައި މި ސްކީމްއާއި ބައިވެރިވެވޭނެއެވެ. މިފަދަ ބިން ދޫކޮށްލާއިރު ޢަމަލުކުރާނެ ގޮތްތައްވެސް ސްކީމްގައިވަނީ ކަނޑައަޅާފައެވެ.

އުސޫލުގައި ބުނާގޮތުން 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފްލެޓްގެ އަގު ހިލޭކޮށްދޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފްލެޓްގެ އަގުން އުނިކުރެވޭނެއެވެ. ދޫކޮށްލާ ބިން އަގުކުރާނީ، އަކަފޫޓަކަށް 3500 ރުފިޔާއަށެވެ.

ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ، މަޢުލޫމާތު ރިވިއުކޮށް މާކްސް ދިނުމަށްފަހު ފްލެޓް ލިބުން އެންމެ ޙައްގުވެރި މީހުން ބެލުމަށްފަހުގައެވެ. ފްލެޓް ހަވާލުކުރާނީ ފްލެޓް ލިބޭ ފަރާތާއި، ފްލެޓް ހަވާލުކުރާ ފަރާތާއި ދެމެދު ވެވޭ ޚާއްސަ އެގްރިމެންޓެއްގެ ދަށުންނެވެ. ކޯ-އެޕްލިކަންޓާއިއެކު ހުށައަޅައިގެން ލިބޭ ފްލެޓްގައި ސޮއިކުރާނީ މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓެވެ. ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެއަގާ އަގު ނަގާނެ ގޮތް ކަނޑައަޅާނީ ސްކީމް ހިންގާ ފަރާތުންނެވެ.

މާލެއިން އެންމެ ފަހުން ދިރިއުޅުމަށް ގޯތި ދޫކުރިކަމަށް ފެންނަން އޮތީ 1981ވަނަ އަހަރުއެވެ. އޭހެފަހުން ނުވަދިހައިގެ ފަހުކޮޅު މާލޭގެ ދެކުނު ފަރާތުގެ ހިއްކި ސަރަޙައްދުން ވަނީ ސަރުކާރުގެ ޚާއްސަ ބައެއް ބޭބޭފުޅުންނަށް ގޯދިތީފައެވެ. އެހެންނަމަވެސް ޢާއްމުންނަށް މިފަދަ ނަސީބެއް އެފަހަރުވެސް ނުލިބުނެވެ.

އޭގެ ފަހުން އެކި ފަހަރުމަތިން މާލޭގޭގެ ބިމުގެ ދަތިކަން ޙައްލުކުރަން އެކި ފިޔަވަޅުތައް އަޅާފައިވެއެވެ. މާލޭގެ ބިން ހިއްކުމާއި ވިލިމާލެ އާބާދުކުރުމާއި ހުޅުމާލެ ހިއްކައި 2000ގެ ކުރީކޮޅު ހުޅުމާލެއިންވެސް ފްލެޓް ދޫކޮށް، ބިން ވިއްކިއެވެ. މިފަހަރުވެސް މާލޭގެ ޢާއްމު ރައްޔިތުންނަށް ޚާއްސަކޮށް ގޯތިދިނުމަށް އެކަށީގެންވާ މަޝްރޫޢެއް ހިންގާފައެއް ނެތެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީީ މާލޭގެ ރައްޔިތުންނަށް 5000 ގޯތި މި ސަރަޙައްދުން ދޫކުރުމަށް ނިންމަވާފައެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި، ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރުފަޅުން 2000 ގޯއްޗެވެ.