ވިޔަފާރި

ސޮނޭވާ ޖާނީ ރިސޯޓް މިއަހަރުގެ އޮކްޓޫބަރު މަސްތެރޭ ހުޅުވަނީ


ނ.އަތޮޅު މެދުފަރުގައި ސޮނޭވާ ގުރޫޕްގެ ފަރާތުން
ތަރައްޤީކުރާ ރިސޯޓް މިއަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް
ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.



ރިސޯޓް ތަރައްޤީކުރާ ފަރާތުން ހާމަކުރި ގޮތުގައި 'ސޮނޭވާ ޖަނީ'ގެ
ނަމުގައި ތަރައްޤީކުރާ މި ރިސޯޓްގައި ޖުމްލަ 57 ވިލާ ހުރެއެވެ. އޭގެ ތެރެއިން 24
ވިލާއަކީ މޫދު ވިލާތަކެވެ. މި ވިލާތަކަށް ދެވޭނީ ބޯޓްތަކުގައި ކަމަށް ސޮނޭވާ ގުރޫޕާ
ހަވާލާދީ މޯލްޑިވްސް ފައިނަސްޓް ވެބްސައިޓުގައިވެއެވެ. މި ރިސޯޓްގެ ހުރިހާ ވިލާއެއްވެސް
ހުންނާނީ ދެ ބުރިއަށެވެ. އަދި ކޮންމެ ވިލާއެއްގައިވެސް ޕޫލް ހުންނާނެ ކަމަށް އެ
ވެބްސައިޓުގައިވެއެވެ.



ދާދިފަހުން ސޮނޭވާ ގުރޫޕްގެ ފަރާތުން ވަނީ އެކުންފުންނީގެ
ފުރަތަމަ " ބޯޓް ވިލާ" ރާއްޖޭގައި ތަޢާރަފްކޮށްފައެވެ. ސޮނޭވާ
ގުރޫޕްގެ ފަރާތުން ' ސޮނޭވާ އިން އަކުއާރ'ގެ ނަމުގައި ދޭން ފަށާފައިވާ ' ބޯޓް
ވިލާ' ގެ މި ޚިދުމަތް ދުނިޔޭގެ އެކި ހިސާބުތަކަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާއިރު
އެކުންފުނިން އެއްމެ ފުރަތަމަ މި 'ބޯޓް ވިލާ' ކޮންސެޕްޓް ތަޢާރަފްކުރި ޤައުމަކީ
ރާއްޖެކަން ފާހަގަކޮށްލެވެއެވެ.