ޚަބަރު

ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ އަގު ކުޑަކުރުމަށް ސަރުކާރަށް ހުށައަޅަން ފާސްކޮށްފި


މަސައްކަތް ފެށިތާ އެތައް އަހަރެއްވެ ނުނިމިހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވާތީ، އެ އަގު ކުޑަކުރެވޭނެގޮތެއް ހޯދުމަށް ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ.

"ސިފްކޯ" އަދި "ޕޮލްކޯ"އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ކަމާގުޅުންހުރި އިދާރާތަކާ، ބައްދަލުކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި ވަނީ މާކެޓުގައި ފްލެޓް ހުރި އަގުތައް ބަލައި އަގުތަކާގުޅޭ ޕްލޭނެއް އެކުލަވާލުން މުހިންމުކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮމިޓީގެ ރިޕޯޓްގައި ފްލެޓް ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕަސް ހޯލުތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމާއި، ޕޮލްކޯ އާއި ސިފްކޯއިން އެންމެ ފުރަތަމަ މަޝްރޫޢު ހަވާލުކުރިއިރު ވާދަވެރި ބީލަމަކުން ފުރުސަތުދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާއިރު ވާދަވެރި ބީލަމަކަށް ހުޅުވާލަން ވަނީ ލަފާދީފައެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުމާއި، މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ހުށައެޅުމަށް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

މަޖިލީހުން މި ރިޕޯޓް ފާސްކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީއާއި ސިފައިންނާއި ފުލުހުންނާއި ބައްދަލުކުރައްވާ މަޢުލޫމާތު ހޯއްދެވުމަށްފަހުއެވެ. އަދި އެ ފްލެޓްތަކަށް އެސްއޯއީ ކޮމިޓީގެ މެންބަރުން ޒިޔާރަތްކޮށް އެތަން ބައްލަވާލައްވާފައިވެއެވެ.

މި މައްސަލަ އެސްއޯއީ ކޮމިޓީން ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ ފްލެޓްތަކަށް ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ ބޮޑުޚަރަދެއް ހިނގާފައިވާކަމަށެވެ. އެގޮތުން ސިފްކޯގެ ފްލެޓްތަކުގެ މަސައްކަތަށް މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 640 މިލިއަން ރުފިޔާގެ ލޯން ނަގާފައިވާކަމަށާއި، އިންޓްރެސްޓާއި އެކު އެޢަދަދު 867 މިލިއަނަށް އަރާކަން މުގައްރިރު ފާހަގަކުރެއްވިއެވެ.

އެއްބަސްވުން އުވާލައި މަސައްކަތް ހުއްޓި 9 ވަރަކަށް އަހަރުވެފައިވާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުންކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށްވުރެ ދެމަސް ދުވަސް ލަސްވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިހާރު ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.