ދުނިޔޭގެ ވިޔަފާރި

ރަޝިއާއަށް ސެމީކޮންޑަކްޓާރސް އެކްސްޕޯޓްކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް!


ރަޝިއާއަށް ސެމީކޮންޑަކްޓާރސް އެކްސްޕޯޓު ކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނޯ ރައިމޮންޑޯ ވިދާޅުވި ގޮތުގައި ސެމީކޮންޑަކްޓާރސް ރަޝިއާއަށް އެކްސްޕޯޓު ކުރި މިންވަރު ދަށްވެފައި ވަނީ ރަޝިއާއާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓު ކޮންޓްރޯލުކޮށް، ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި، އެ ޤައުމަށް ވާގިވެރިވާ އެހެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ރަޝިއާގެ އެއިރޯސްޕޭސް ސެކްޓަރަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ކޮންޓްރޯލުކޮށްފައި އޮތުމުގެ ސަބަބުން އަސްކަރީ އޭވިއޭޝަނުން އާމްދަނީ ހޯދުން ރަޝިއާއަށް ވަނީ ވަރަށް ބޮޑަށް އުދަނގޫވެފައިކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރަޝިއާގެ ކޮމާޝަލް ބޯޓުތަކުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޯޓު ގްރައުންޑު ކުރަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ އަންގާރަ ދުވަހު ވަނީ ރަޝިއާގެ އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކަށް އެއްބާރުލުންދޭ ކަމަށް ތުޙުމަތުކޮށް ޗައިނާގެ ފަސް ކުންފުންޏެއް ބްލެކް ލިސްޓުވެސް ކޮށްފައެވެ.

ރަޝިއާއަށް ޗިޕްސް ނުވަތަ ސެމީކޮންޑަކްޓާރސް އެކްސްޕޯޓުކުރާކަން އެގިއްޖެނަމަ ޗައިނާގައި އެންމެ ގިނައިން ޗިޕް އުފައްދާ ކުންފުނީ އެސްއެމްއައިސީއަށް ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އަންނަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިކަމުގެ ސަބަބުން ރަޝިޔާގެ އިތުރުން، އެހެން ޤައުމުތަކަށްވެސް ދަނީ މުދާ އަގުބޮޑުވުންފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ.