ވިޔަފާރި

ފީއަލި އައިސްޕްލާންޓް އަންނަމަހު ބޭނުންކުރަން ފަށަނީ


ފ. ފީއަލީގައި މި ސަރުކާރުން ޤާއިމްކުރި އައިސްޕްލާންޓް ޖުލައިމަހު ބޭނުންކުރަން ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ފީއަލީ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން ކައުންސިލަށް މަޝްވަރާކުރުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ދަތުރުގައި ފެނަކަ އަދި މިފްކޯއިންވެސް ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ.

މިނިސްޓަރގެ މި ދަތުރުގައި ފީއަލީ އައިސްޕްލާންޓް ވަނީ ކައުންސިލާއި ހަވާލުކޮށްފައެވެ. އަދި އައިސްޕްލާންޓް ހިންގުން ފެނަކައާ ހަވާލުކުރުމަށް ކައުންސިލުން އެގްރީމެންޓް ކުރުމާއި ގުޅޭގޮތުންވެސް މި ދަތުރުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ފެނަކަ އިން ވަނީ އައިސްޕްލާންޓް އިންސްޕެކްޓްވެސް ކޮށްފައެވެ.

މި އައިސް ޕްލާންޓް ޖުލައިމަހު ހުޅުވައި އައިސް ވިއްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އައިސްޕްލާންޓަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މިފްކޯއިން ތަރައްޤީކޮށްފައިވާ އައިސްޕްލާންޓެކެވެ. މިއީ 25 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ ހުރި އައިސްޕްލާންޓެއްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.