ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަ ކުރުމަށްޓަކާ މާފަންނުގައި އިތުރު ޓްރާންސްފޯމަރެއް ބަހައްޓައިފިއެވެ.
މިޓްރާންސްފޯމަރާއެކު ކޭބަލްތަކަށް މައްސަލަތައް ދިމާވެ ކަރަންޓު ކެނޑި އެހެން ސަރަޙައްދުތަކުން ކަރަންޓު ފޯރުކޮށް ދޭން ކުރާ މަސައްކަތުގައި މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑޭ މައްސަލައަށް ޙައްލެއް އަންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުނިންގ ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިއާއެކުވެސް ވަޅުލާފައި ހުންނަ ކޭބަލްތަކަށް އެކިކަހަލަ ގެއްލުންތައްވެ ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެއެވެ. މިގޮތަށް މައްސަލަ ދިމާވުމުން އެހެން ސަރަޙައްދެއްގައި ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓަކުން ކަރަންޓު ފޯރުކޮށްދޭން ކުރާ މަސައްކަތުގައި ޕީކް ގަޑިތަކުގައި ގިނަފަހަރަށް ބޮޑު ބަޔަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ޑިސްޓްރިބިއުޝަން ނެޓްވޯކް ވަރުގަދަ ކުރުމަށްޓަކާ ސްޓެލްކޯއިން މިހާރުވަނީ މާފަންނު ސަހަރާ ސަރަޙައްދުގައި 2އެމްވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓާފައެވެ. މީގެ ސަބަބުން އެހެން ސަރަޙައްދުތަކުން ކަރަންޓު ކެނޑޭ ޙާލަތްތަކުގައި މިޓްރާންސްފޯމަރުން ކަރަންޓު ފޯރުކޮށްދިނުމުގައި ބޭނުންކުރަން ފެށުމުން ބާރު ބޮޑުވެގެން އެހެން ސަރަޙައްދުތަކުން އެއްވަގުތަކާއި ކަރަންޓު ކެނޑުމުގެ މައްސަލައަށް ޙައްލު އަންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މާލެއާއި ހުޅުމާލެއާއި ހުޅުލެއަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ ހަކަތައިގެ ބިޔަ މަޝްރޫޢު "ފިފްތް ޕަވަރ ޕްރޮޖެކްޓް"ގެ ދަށުން އެއް ވިއުގައަކުން ގުޅާލައި ހަކަތަ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެހެންނަމަވެސް ކަރަންޓު ކޭބަލްތައް ބުރިވެ ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. މިމައްސަލަ ޙައްލުކުރުމަށް މަގުމަތި ކޮނެގެން ކުންފުނިތަކުން މަސައްކަތްކުރާއިރު މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރައްވައެވެ. އަދި މައްސަލައެއްޖެހި ކޭބަލް ބުރިވިނަމަވެސް އެކަން ލަސްނުކޮށް ސްޓެލްކޯއަށް އެންގުމަށް ސްޓެލްކޯއިން އެދެއެވެ.
ކަރަންޓު އަޕްގެރޭޑްކުރުމުގެ އިތުރުން މާފަންނު މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު އެތަނުން ނެގުމުގެ މަސައްކަތްވެސް ސްޓެލްކޯއިން އަންނަނީ މިހާރުކުރަމުންނެވެ. އެގޮތުން މިޓްރާންސްފޯމަރު ބަހައްޓަން ކަނޑައަޅާފައިވާ ސަރަޙައްދު ހަމަޖެހި ވަރަށް އަވަހަށް މިމަސައްކަތް ފަށައިގަނެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.