ޚަބަރު

ރިޟްވާންގެ މައްސަލާގައި ހައްޔަރުކުރި 3 މީހުން ޝަރީޢަތް ނިމެންދެން ބަންދަށް


ވަގަށް ނަގައި، މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި 3 މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓު ޢަމުރުކޮށްފިއެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި އާދިއްތަދުވަހު ފުލުހުން ހައްޔަރުކުރި ތިން މީހުންނަކީ، މއ.ފާގަފިލާގޭ، އުމުރުން 39 އަހަރުގެ އަހުމަދު އިސްމާއިލްއާއި، ކ.މާލޭ ދަފްތަރު ނަންބަރު RS8499 އުމުރުން 40 އަހަރުގެ އަހުމަދު މުއާޒު، އަދި މ.ލެގޫންވިއު އުމުރުން 30 އަހަރުގެ އިސްމާއިލް އަބްދުއްރަހީމެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ، ނޫސްވެރިޔާ ރިޟުވާން މަރާލާފައިވާ މައްސަލައާއި ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކުށް ހިންގުމަށް މަގުފަހި ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ރިޟުވާން ވަގަށްނަގައި މަރާލާފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި މިތިން މީހުންގެ ދައުރު މިކަމުގައި އޮތްކަން ވަނީ ހާމަވެފައެވެ. އެގޮތުން މިއަދު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިސްމާއިލް އަބްދުއްރަހީމް އަކީ ރިޟުވާން ގެއްލުމުގެ ކުރިން އޭނާއަށް ފާރަލައި ހެދި މީހެއްކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން އެނގެއެވެ. އެކޮމިޝަންގެ ރިޕޯޓުގައި އޭނާއަކީ ސީރިއާއަށް ޖިހާދަށް ދިއުމަށްޓަކައި ތުރުކީގެ ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހެއްކަންވެސް އެނގެއެވެ.

މީގެ އިތުރުންވެސް ބައެއް އެހެނިހެން ހަމަނުޖެހުންތަކުގައާއި، ހަރުކަށި ފިކުރުގެ އެކި ހަމަނުޖެހުންތަކުގައި އިސްމާއިލް އަބްދުއްރަހީމް ބައިވެރިވެފައިވާކަން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުން އެނގެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 7 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހާމަކުރައްވާފައެވެ.