ވިޔަފާރި

މަކީޓާ އުފެއްދުންތަކަށް ޚާއްސަ ޝޯރޫމެއް ހުޅުވައިފި


މަކީޓާ ޕްރޮޑަކްޓްތަކަށް ޚާއްސަ މުޅިން އައު ޝޯރޫމްއެއް އެސްޓީއޯއިން ހުޅުވައިފިއެވެ. މި ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކީޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އިކެޑާ ސަންއެވެ.

އެސްޓީއޯ އައު މަކީޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. 25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކީޓާ ބްރޭންޑަކީ 1915ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކީޓާ ގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއްކަމުގައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކީޓާ ބްރޭންޑުގެ އުފެއްދުންތައް ލިބެންހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސްގެ އޭޖެންޓުންވެސް ޢާއްމުންނާހަމައަށް މަކީޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެއެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ މަކީޓާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް ހިމެނެއެވެ.

އެސްޓީއޯއިން ހުޅުވި އައު ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ޚިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިގޮތުން ޝޯރޫމް ގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެންހުންނާނެއެވެ. އަދި މަކީޓާ ބްރޭންޑަށް ޚާއްސަ ސާވިސް ސެންޓަރ ވެސް މި އައު ޝޯރޫމް ތެރޭގައި ހުރެއެވެ.