ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވަން ސިޓީއެއް ނުފޮނުވަން: އިސްލާމިކް މިނިސްޓްރީ


ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

އިސްލާމިކް މިނިސްޓްރީޏް ނެރުނު ބަޔާނުގައި ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ. އަދި އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރަފައިވަނީ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރަމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ޚިލާފުގޮތަށްކަމަށް ބަޔާނުގައިވެއެވެ. މީގެއިތުރުން ޔޯގާގެ ޝަރުޢީ ޙުކުމާއިމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތަށް ބަޔަކު ވަނީ ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ. އަދި އެ ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުޤީޤްކުރަމުންނެވެ.