ޚަބަރު

މާލެއިން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ދޫކޮށްލާނަމަ ފްލެޓް ހިލޭ


ތޮއްޖެހުން ބޮޑުވެ މާލޭ ސަރަޙައްދަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އަސާސީ ޚިދުމަތްތަކަށް މާލެއަށް މީހުން ޖަމާވާން ފެށުމުގެ ނަތީޖާއަކަށްވީ، ބޯހިޔާވަހިކަމުގެ އަސާސީ ޚިދުމަތުން އެތަށް ބަޔަކު މަހުރޫމުވުމެވެ. އެއް ގެއެއްގެ ތެރޭގައި އެތަށް އާއިލާތަކެއް ދިރިއުޅެން މަޖުބޫރުވުމެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސްކީމްތައް އިޢުލާންކޮށްފައިވާއިރު، މިފަހަރުގެ މި އުސޫލުގެ އެންމެ ބޮޑު ތަފާތަކީ މީހާއަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އިސްކަންދިނުމެވެ.

ސަރުކާރުގެ އިޢުލާންކޮށްފައިވާ "ގެދޮރުވެރިން" ޕްރޮގްރާމްގައި ބޯހިޔާވަހިކަމުގެ ދެ ބާތެއްގެ ސްކީމް ވަނީ ހިމަނާފައެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގެވަޅު ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އަދި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ.

މީގެތެރެއިން ފްލެޓް ދޫކުރުމަށް ޚާއްސަ "ގެދޮރުވެރިޔާ ސްކީމް"ގެ އެންމެ ބޮޑު ބޭނުމަކީ ތަނަވަސް ބޯހިޔާވަހިކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުޞަތު ފަހިވާގޮތަށް ކަށަވަރުކުރުމެވެ.

ސްކީމްގެ އަސާސީ ޝަރުތުތައް:

* ދިވެހި ރައްޔިތަކަށްވުން
* އުމުރުން 18 އަހަރު ވެފައިވުން
* މާލޭގެ ރައްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވުން ނުވަތަ މެދު ނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވުން
* ސަރުކާރުގެ އެއްވެސް މަޝްރޫޢުއަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ މިހަކަށް ނުވުން
* 600 އަކަފީޓަށްވުރެ ބޮޑު ބިމެއް/ފްލެޓެއް ނެތުން
* ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައި ނުވުން
* މަހަކަށް ޖެހޭ އާމްދަނީ 60000އަށްވުރެ ބޮޑު ނުވުން


ފްލެޓަށް އެދުމުގައި ފޯމް ހުށައެޅޭނީ ވަކި ވަކި ފަރުދުންނަށެވެ. ނަމަވެސް ބައިވެރިއެއްގެ ގޮތުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް ކޯ-އެޕްލިކަންޓަކަށް ވެވިދާނެއެވެ.

"ގެދޮރުވެރިޔާ ސްކީމްގައި މާކްސްދޭ އުސޫލުވެސް ސަރުކާރުން މިވަނީ ޙާމަކޮށްފައެވެ. އެގޮތުން ޕޮއިންޓް ލިބޭ ދާއިރާތަކާއި، އަދި ޕޮއިން ލިބޭނެ އަދަދުތައްބެސް ވަނީ ހިމާނާފައެވެ. މާކްސް ދިނުމުގައި މައިގަނޑުގޮތެއްގައި ބަލާނީ 6 ބަޔަކަށެވެ.

މާކްސް ދިނުމުގައި ބަލާ ކަންތައްތައް:

* ފޯމް ހުށައަޅާ މީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމް ނެތުން
* ބެލުމުގެދަށުގައި ތިބި ކުދިންގެ އަދަދު
* ދިރިއުޅުމުގެ ޙާލަތު (ގޭގައި ހުރި ކޮޓަރީގެ އަދަދާއި ދިރިއުޅޭ މީހުންގެ އަދަދު)
* ގޭގެ ސިޓިންރޫމައި ބަދިގޭގެ ޖާގަ
* ގޭގައި ފާޚާނާ ހުރި މިންވަރު
* ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި


މި ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހާގެ ނަމުގައި ބިންކޮޅެއް އޮތްނަމަ، އެ ބިން ދޫކޮށްލާފައި މި ސްކީމްއާއި ބައިވެރިވެވޭނެއެވެ. މިފަދަ ބިން ދޫކޮށްލާއިރު ޢަމަލުކުރާނެ ގޮތްތައްވެސް ސްކީމްގައިވަނީ ކަނޑައަޅާފައެވެ.

އުސޫލުގައި ބުނާގޮތުން 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފްލެޓްގެ އަގު ހިލޭކޮށްދޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފްލެޓްގެ އަގުން އުނިކުރެވޭނެއެވެ. ދޫކޮށްލާ ބިން އަގުކުރާނީ، އަކަފޫޓަކަށް 3500 ރުފިޔާއަށެވެ.

ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ، މަޢުލޫމާތު ރިވިއުކޮށް މާކްސް ދިނުމަށްފަހު ފްލެޓް ލިބުން އެންމެ ޙައްގުވެރި މީހުން ބެލުމަށްފަހުގައެވެ.

ފްލެޓް ހަވާލުކުރާނީ ފްލެޓް ލިބޭ ފަރާތާއި، ފްލެޓް ހަވާލުކުރާ ފަރާތާއި ދެމެދު ވެވޭ ޚާއްސަ އެގްރިމެންޓެއްގެ ދަށުންނެވެ. ކޯ-އެޕްލިކަންޓާއިއެކު ހުށައަޅައިގެން ލިބޭ ފްލެޓްގައި ސޮއިކުރާނީ މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓެވެ.

ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެއަގާ އަގު ނަގާނެ ގޮތް ކަނޑައަޅާނީ ސްކީމް ހިންގާ ފަރާތުންނެވެ. މި އުސޫލު ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން އުސޫލަށް ޢަމަލުކުރަން ފަށާނެއެވެ.