ޚަބަރު

ބ.ކެންދޫ ރަށްގިރުމުގެ ޒަމާންވީ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފަށައިފި


ބ.ކެންދޫއަށް ދިމާވެފައި އޮތް ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިހާރު 50 މީޓަރުގެ ސަރަހައްދެއްގައި ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ކެންދޫ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ ރަށުގެ ހުޅަނގު ފަރާތުންނެވެ. އެއީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްތަކުގައި އެސަރަހައްދު ގިރަމުންދާތީކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދު ރަޙްމާން ވިދާޅުވިއެވެ. މިހުޅަނގު މޫސުމުގައިވެސް އެ ސަރަހައްދުން ބޮޑުބައެއްވަނީ ގިރައިގެން ގޮސްފައެވެ.

ކެންދޫއަކީ ޒަމާނުއްސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ރަށެއްކަމުން ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްގެ ލަފަޔާ އިރުޝާދު ހޯދައިގެން ކަމަށް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވިއެވެ.

"ތަރައްޤީއޭ ކިޔާފައި ދައްކާނެ ވާހަކައެއްނެތް، ކެންދޫއަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު ދަނީ ކުރަމުން އަދި އެކަން ކަން ކުރަނީ ރަޔިތުންނާ ކައުންސިލުން ބޭނުންވާގޮތްތަކަށް އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ރަށްގިރުމުގެ މި މައްސަލަވެސް މިހާރު ވަރަށް ބާރަށް ކުރިއަށްއެބަދޭ" ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުރަޙްމާން ވިދާޅުވިއެވެ.

މިމަޝްރޫއުގެ ދަށުން އެރަށުގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 803 މީޓަރުގެ ބޭރު ތޮށްޓެއްލާ، 80 މީޓަރުގެ ރިވެޓް މަންޓެއް ޖަހާނެއެވެ. މީގެ އިތުރުން 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އެރަށުގައި ފަތާ ސަރައްދެއް ފުންކޮށް އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް މިމަޝްރޫއުގެ ދަށުން ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

މިތަން ހިމާޔަތް ކުރުމަށް ބޭނުންވާ ހިލައިގެ 3 ވަނަ ޝިޕްމަންޓް މިހާރުވަނީ ކެންދޫއަށް ގެންގޮސްފައެވެ. ކެންދޫ ކައުންސިލުން ބުނީ މި މަސައްކަތް ދާ ހަލުވި މިނަށް ބަލާނަމަ މިއަހަރުގެ އޮކްޓޯބަރ މަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރާކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިގްއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 39.9 މިލިއަން ރުފިޔާއަށެވެ.