ޚަބަރު

ބ.ހިތާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި


ބ.އަތޮޅު ހިތާދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއެވެ.

ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ އެއްގަމު ތޮށިން ބަނދަރަށް ވެލި ފައިބާ މައްސަލަ ހައްލުކުރުމުގެ މަސައްކަތެވެ. އެކަން ހައްލު ކުރަނީ ޖީއޯބޭގް ޖައްސައިގެން ކަމަށާ މިމަސައްކަތް ކުރަނީ ދިޔަވަރު ހިކޭވަގުތުތަކުގައި އެކަނިކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެެވެ. އަދި 350 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި، 1،750 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވީ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ނިމުމުން އިރުވައި މޫސުމުގައި ފަޅު ގަދަވާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ. އެކަން މިހާރު ކުރިމަތިވަނީ މިހާރު އޮތް ބަނދަރުގެ ބޭރު ތޮށި އެއްކޮށް ހަލާކުވެފައި އޮތުމުންނެވެ. އެރަށު ބަނަދަރުގައި އޮންނަ ބޭރުތޮށްޓަކީ ދެހާހުގެ ކުރީކޮޅު އެރަށު ރައްޔިތުން ފަޅުން ގާނަގައިގެންނާއި ސިމެންތި ބަސްތާ ޖައްސައިގެން ލާފައިއޮތް ތޮށްޓެކެވެ.

ރައްކާތެރި ބަނދަރެއް އެރަށުގައި އެންމެ ފުރަތަމަ ހެދީ 2009 ވަނަ އަހަރުއެވެ. އެ މަސައްކަތުގެތެރޭގައި ހިމެނުނު ބޭރު ތޮށީގެ މަސައްކަތް ނުނިންމުމަކީ ފަޅު ގަދަވާން ދިމާވާ މައިގަނޑު އެއްމައްސަލަކަން ކައުންސިލުން ފާހަގަކުރެއެވެ.

ހިތާދޫ އަކީ ގިނަ އަދަދެއްގެ މަސްވެރިކަމުގެ އުޅަނދު ބަނދަރު ކުރާރަށެކެވެ. އެހެންކަމުން ފަޅުގެ ޖާގަ ކުޑަވުމުން ދިމާވާ މައްސަލަތަކަށްވެސް ބަނދަރުގެ މަސައްކަތް ނިމުމުން ހައްލު ލިބިގެންދާނެކަމަށް އަބްދުލް އަޒީޒު ވިދާޅުވިއެވެ.

"އެންމެ ބޮޑު ދެކަމަކީ ފަޅުގެ ޖާގަ ކުޑަވުމާ، އިރުވައި މޫސުމުގެ ގަދަ ދުވަސްތަކުގައި ފަޅަށް ބޮޑެތި ރާޅުވެއްދުން މި ދެކަމަށްވެސް ބަނދަރު ތަރައްޤީވެގެން ދިއުމުން ހައްލު ލިބިގެންދާނެކަމަށް މިބަލަނީ، ޖުމްލަކޮށް ފަޅު ބޭނުން ކުރާ ޒަމާނީ ބަނދަރަކަށް މި ބަނދަރު ވެގެންދާނެ" ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ.

އެމްޓީސީސީން ބ.ހިތާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިވަނީ، މޭމަހުގެ 11 ވަނަ ދުވަހުއެވެ. ޕްލޭނިންގް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 17.70 މިލިއަން ރުފިޔާއަށެވެ.