ޚަބަރު

ގުޅީފަޅު، އަނެއްކާވެސް މާލޭގެ ރައްޔިތުންނަށް އުންމީދަކަށް


ޚިދުމަތްތައް އެއް ސަރަޙައްދަކަށް ތޮއްޖެހުމުގެ ނަތީޖާއަކަށްވީ މާލެއަށް ރާއްޖޭގެ ހުރިހާ ހިސާބުތަކުން މީހުން ޖަމާވެ ތޮއްޖެހެން މަޖުބޫރުވުމެވެ.

މީގެ އެންމެބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހުނީ މާލޭގެ ރައްޔިތުންނެވެ. މާލެއަށް ރައްވެހިކަން ބަދަލުކުރި މީހުނާއެކު މާލޭގެ އާބާދީ މިހާރު 62000އިން މައްޗަށް އަރައެވެ. އަދި މުޅި މާލެ ސަރަޙައްދަށް ބަލާއިރު، ރާއްޖޭގެ ތިންބައިކުޅަ ދެބައި އާބާދީ އޮތީ މާލޭގައެވެ.

މިއާއެކު ކުރިމަތިވި އެންމެބޮޑު އިޖްތިމާޢީ ދަތިކަމުގެ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެހެން ރަށްރަށުގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރެވުނަސް މާލޭގެރައްޔިތުން ތިބީ މިކަމުން މަހުރޫމުވެފައެވެ. މާލޭގައި ގޯތި ދޫކުރަންވެސް އަދި އެނޫން އެފަދަ ކަމެއް ކުރާކަށްވެސް ބިމެއް ނެތުމަކީ އޮތް ދައްޗެކެވެ.

މާލެއިން އެންމެ ފަހުން ދިރިއުޅުމަށް ގޯތި ދޫކުރިކަމަށް ފެންނަން އޮތީ 1981ވަނަ އަހަރުއެވެ. އޭހެފަހުން ނުވަދިހައިގެ ފަހުކޮޅު މާލޭގެ ދެކުނު ފަރާތުގެ ހިއްކި ސަރަޙައްދުން ވަނީ ސަރުކާރުގެ ޚާއްސަ ބައެއް ބޭބޭފުޅުންނަށް ގޯދިތީފައެވެ. އެހެންނަމަވެސް ޢާއްމުންނަށް މިފަދަ ނަސީބެއް އެފަހަރުވެސް ނުލިބުނެވެ.

އޭގެ ފަހުން އެކި ފަހަރުމަތިން މާލޭގޭގެ ބިމުގެ ދަތިކަން ޙައްލުކުރަން އެކި ފިޔަވަޅުތައް އަޅާފައިވެއެވެ. މާލޭގެ ބިން ހިއްކުމާއި ވިލިމާލެ އާބާދުކުރުމާއި ހުޅުމާލެ ހިއްކައި 2000ގެ ކުރީކޮޅު ހުޅުމާލެއިންވެސް ފްލެޓް ދޫކޮށް، ބިން ވިއްކިއެވެ. މިފަހަރުވެސް މާލޭގެ ޢާއްމު ރައްޔިތުންނަށް ޚާއްސަކޮށް ގޯތިދިނުމަށް އެކަށީގެންވާ މަޝްރޫޢެއް ހިންގާފައެއް ނެތެވެ.

މި ޝަކުވާގެ އަޑުގަދަވެފައި ވަނިކޮށް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އިޢުލާންކުރި "ގުޅީފަޅު" މަޝްރޫޢު ވެގެންދިޔައީ މާލޭގެ ރައްޔިތުންނަށް ލިބުނު އުންމީދަކަށެވެ. ގުޅީފަޅު މަޝްރޫޢު ޕްލޭންކުރީ 4 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށެވެ. އެއީ ގުޅީފަޅުން 115 ހެކްޓަރުގެ ބިން ހިއްކައި ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.

އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓާ ޙަވާލުކޮށްގެން ގުޅީފަޅު ފުރަތަމަ ފިޔަވަހިން ހިއްކީ 18 ހެކްޓަރެވެ. ބިންހިއްކުމުގެ މަސައްކަތް ނިމުމާއެކު އެރަށް ތަރައްޤީކުރުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ފެށިއެވެ. މި މަޝްރޫޢުގެ އެންމެ ބޮޑު މަޤުޞަދަކަށްވީވެސް މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި، އަމާން ދިރިއުޅުމެއް ހޯދައިދިނުމެވެ. އެގޮތުން ފުރަތަމަ ފެށީ 216 ހައުސިން ޔުނިޓްގެ މަޝްރޫޢުއެކެވެ. ފްލެޓް ކޮންސެޕްޓަށް ކުރިއަށްގެންދިޔަ މި މަޝްރުޢު ފަށައި، އެގެތަށް ލިބޭ މީހުންވެސް ހޮވިއެވެ. ތަޅުދަނޑިވެސް ބައެއް އާއިލާތަކާ ޙަވާލުކުރިއެވެ. އަދި މީހުން އާބާދުވާންވާއިރަށް އެތަނުގައި ސްކޫލާއި އެހެނިހެން އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ފެށިއެވެ. މިކަން ވީ މާލޭގެ ރައްޔިތުނަށް އޭރު އޮތް ވަރަށް އުންމީދީ މަޝްރޫޢުއަކަށެވެ.

ނަމަވެސް އޭރުގެ ސަރުކާރު ނިމުމާއެކު އެ މަންޒަރު ބަދަލުވެ މާޔޫސްކަމާ ކުރިމަތިވިއެވެ. ކޮންޓްރެކްޓަރާއި ގުޅީފަޅު އިންވެސްޓްމަންޓާދެމެދު ވެފައިވާ އެއްބަސްވުން އުވާލައި އެރަށް ގުޅީފަޅު އިންވެސްޓްމަންޓްގެ ދަށަށް ބަދަލުކުރީ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެއެވެ. އަދި ގުޅީފަޅުން ގޯތި ލިބުނު 216 މީހުންނަށް، ހުޅުމާލޭ ދެވަނަ ފިޔަަވަހި ހިއްކައި އެތަނުން ގޯތި ދޭނެކަމަށް ވަޢުދުވިއެވެ.

ކުރީގެ ސަރުކާރުން ރަށް ނެގުމަށްފަހު ނިންމީ، ގުޅީފަޅު ސިނާޢީ ރަށަކަށް ބަދަލުކުރުމަށެވެ. އަދި އެތާނގައި ނިމުމަކާ، ގާތްވެފައިވާ ހައުސިން މަޝްރޫޢު މުޅިން އުވާލައި އެ މަސައްކަތް ހުއްޓާލިއެވެ. މިކަން ވެގެންދިޔައީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މާލޭގެ ރައްޔިތުން މާޔޫސްކޮށްލި ކަމަކަށެވެ.

ފަހުން ބުނެފައިވަނީ އެ މީހުންނަށް ގޯތި ދޭނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ހިޔާ" މަޝްރޫޢުންކަމަށެެވެ. ގުޅީފަޅުން ގޯތި ލިބުނު މީހުން އަދިވެސް މިތިބީ އެމީހުން ޑައުންޕޭމަންޓާއި ފައިސާ ދެއްކި، ގެތަކުގެ ބަދަލު އެމީހުންނަށް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އުންމީދީ ގުޅީފަޅު މަޝްރޫޢު މުޅިން ނިމުމަކަށް އައިއްޔެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް އައިސް، އެންމެފުރަތަމަވެސް ނިންމެވި އެއް ނިންމެވުމަކީ ގުޅީފަޅު ހިމެނޭހެން މިސަރަޙައްދަށް އުންމީދީ މުހިންމު ބަދަލުތަކެއް ގެންނެވުމެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫޢު ވެގެންދާނީ ވަށައިޖެހޭނެހެން މުޅި ސަރަޙައްދުގެ ރަށްތަކާއި، ޚިދުމަތްތައް ގުޅާލާވެ މަޝްރޫޢުއަކަށެވެ. މާލެ ހުޅަނގު ދެކުނުގައި ހިމެނޭ މާލޭގެ އެއް އަވަށް ވިލިމާލެއާއި ސިނާޢީ ތިލަފުށި ގުޅާލާނެއެވެ. އަދި ގުޅީފަޅުގައި އަލުން މީހުން އާބާދުކުރުމަށް ނިންމައި މާލޭގެ މައި ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް، ބްރިޖް މަޝްރޫޢުއިން ގުޅާލުމަށްވަނީ ނިންމާފައެވެ.

އަދި ބްރިޖް ގޮސް ނިމޭނީ މާލެ ސަރަޙައްދުގައި އޮތް ގިރާވަރު ފަޅުންކަމަށް، ރައީސްވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެއެވެ.

ރައީސްގެ ވިސްނުންފުޅަކީ މި މަޝްރޫޢު ނިމޭއިރު ލިބޭ އިޤްތިޞާދީ ފައިދާގެ އިތުރަށް، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމެވެ. ކެމްޕެއިންތަކުގައި ކޮންމެ ވެރިޔަކު މާލޭގެ ރައްޔިތުންނަށް ދެއްވި ހުވަފެން މި ސަރުކާރުގައި ހަޤީގަތަކަށް ހައްދަވައިދެއްވުމެވެ.

ރައީސް ވަޢުދުވެވަޑައިގަތީ މާލޭގެ ރައްޔިތުންނަށް 5000 ގޯތި މި ސަރަޙައްދުން ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި، ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރުފަޅުން 2000 ގޯއްޗެވެ.

ސަރުކާރުން ގުޅީފަޅުގެ މަސައްކަތް އަލުން ފަށާއިރު ތަރައްޤީކުރާނީ ދެ ފިޔަވައްސަކަށެވެ. އެގޮތުން ބްރިޖް މަސައްކަތް ހިމެނޭހެން ބިން ހިއްކުމުގެ ފުރަތަމަ ފިިޔަވަހި މިހާރުވަނީ ނިންމާފައެވެ. ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިން ކޮމްޕެނީއާއި ހަވާލުކޮށްގެން 100 ހެކްޓަރުގެ ބިމެއްވަނީ ހިއްކާފައެވެ. ސަރުކާރު މިހާރު ތައްޔާރުވަނީ ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށެވެ. އެކަމަށް ބޭނުންވާ 101 މިލިއަން ޔޫރޯގެ ލޯން އެއްބަސްވުމުގައި މިހާރުވަނީ ސޮއިކޮށްފައެވެ.

މި މުޅި މަޝްރޫޢު ނިމޭއިރު، ވެގެންދާނީ މާލެ ސަރަޙައްދުގެ މުޅި މޫނުމަތި ބަދަލުކޮށްލާނެ މަސައްކަަތަކަށެވެ.