ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މާލޭގައި ފަށައިފި


  • ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައި

  • މިޕްރޮގްރާމްގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވޭ

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް މާލޭގައި ފަށައިފިއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ ތަމްރީނު ޕްރޮގްރާމެކެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މިމަހުގެ 14 ވަނަ ދުަވަހު ވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ފަށާފައެވެ. އަދި މިހާރު ވަނީ މާލޭގައިވެސް މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ފަށާފައެވެ.

މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖހިފައެވެ.

މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން ހިމެނެއެވެ.

ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުމަކީވެސް މިޕްރޮގްރާމްގެ މަޤްސަދެކެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންކަމަށެވެ. އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފެށޭނެކަމަށްވެސް އެ ވުޒާރާޢިން ވިދާޅުވެއެވެ.

ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ މިޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ވޭތުވެދިޔަ 1 މަސްދުވަހުގެ ތެރޭގައި މިޕްރޮގްރާމްގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.