ޚަބަރު

ފްލޯޓިންގ ސިޓީގެ އެއްބަސްވުމަށް ގެނައި ބަދަލާއެކު ދައުލަތަށް 1 މިލިއަން ޑޮލަރު

އިންޓަރގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަރަޙައްދެއް ކުއްޔަށް ދޫކޮށް ޓްރާންސްފަރ ފީގެގޮތުގައި 1 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެއެވެ. މިގޮތަށް ދޫކޮށްފައިވަނީ ފްލޯޓިންގ ސިޓީ ތަރައްޤީކުރުމަށް މާލެ އަތޮޅު އާރަށް ކައިރިން ދޫކޮށްފައިވާ ފަޅެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކުރިން ރިސޯޓް މޮޑެލްއަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެއް އިންޓަރގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް އަލުން އެއްބަސްވުމެއް އެކުލަވާލާ އެކަމުގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ޓޫރިޒމްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި މިމަޝްރޫޢު ކުރިއަށްގެންދާ ޑަޗް ޑޮކްލޭންޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކޭމްއެވެ. މިއެއްބަސްވުމާއެކު ޓްރާންސްފަރ ފީއެއްގެ ގޮތުގައި ޑަޗް ޑޮކްލޭންޑްގެ ފަރާތުންވަނީ އެއް މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދައްކާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަފާތު ކޮންސެޕްޓްތަކައިގެން ރާއްޖެއަށް އަންނަ އިންވެސްޓަރުންނާއެކު މަސައްކަތްކުރުމަށް ރާއްޖެ ހުޅުވާލާފައިވާކަމަށެވެ. ފްލޯޓިންގ ސިޓީ މަޝްރޫޢާއި ގުޅިގެން މިނިސްޓަރ މައުސޫމް ވިދާޅުވީ މިމަޝްރޫޢާއެކު ދުނިޔޭގެ މީޑިއާގައި ރާއްޖެއަށް ވަރަށް ބޮޑު ސަމާލުކަމެއް އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކުރިއެރުމެއްކަމަށެވެ.

"މީގެ ދަށުން ޑިވެލޮޕްކުރާ މޮޑެލްއަށް ބަދަލެއް އައީ. ލީސްއަކަށް ނާދެ ބަދަލެއް. ރާއްޖެއަށް ފައިދާ ހުރި އިންވެސްޓްކުރަން ކޮންސެޕްޓަކާއެކު އަންނަ ބަޔަކަށް އޯޕަންކޮށް ރާއްޖޭގެ ޓޫރިޒަމް އޮތީ. ރާއްޖޭގައި ފްލޯޓިންގ ގެސްޓް ހައުސްތައް އަޅަންވެސް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިނިސްޓްރީއަށް އަންނަނީ ހުށައަޅަމުން." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.


ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވޭންޑިކޭމް ވިދާޅުވީ މިހާރު ތަރައްޤީކުރާ ފްލޯޓިންގ ސިޓީ ކޮންސެޕްޓަކީ 2010 ވަނަ އަހަރު، އޭރުގެ ސަރުކާރާއެކު އެއްބަސްވެވުނު ކޮންސެޕްޓާ ތަފާތު ކޮންސެޕްޓެއްކަމަށެވެ. އޭރު އެއީ ހަމައެކަނި ފަތުރުވެރިކަމަށް އޮތް ފުރުސަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް މިހާރު މިޕްރޮޖެކްޓް ވެގެންދާނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް މަގުފަހިކުރާނެ ކޮންސެޕްޓަކަށް ކަމަށް ޕޯލް ވިދާޅުވިއެވެ.

" ހުޅުމާލޭ ފޭސް ދޭއްގައި ކުރިއަށްދާ ހައުސިންގެ އަގުތަކާއި ގުޅިގެންވެސް ކަންބޮޑުވުން ހުރިކަން އެނގޭ. މީގެކުރިން 250،000 ޑޮލަރަށް މިހައުސިންގ ޔުނިޓުތައް ބެހެއްޓުމަށް މަޝްވަރާކުރެވުނު ނަމަވެސް އެއީ ރާއްޖޭގެ ހައުސިންގއަށް އެންމެ އެކަށީގެންވާ އަގުތަކެއް ނޫން. އެހެންކަމުން މިމަޝްރޫޢު ނިމިގެންދާއިރު އަގުތައް ހުންނާނީ ޢާއްމުންގެ އަތްފޯރާފަށުގައިކަމުގެ ޔަގީންކަން ދެން." ޕޯލް ވިދާޅުވިއެވެ.

ޢާއްމުންނަށް ދޫކުރާ ހައުސިންގ ޔުނިޓުތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރާ 1.6 ބިލިއަން ޑޮލަރުގެ ބިޔަ ފްލޯޓިންގ ސިޓީ މަޝްރޫޢަށް ސަރުކާރުންވަނީ މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑަށް ދީފައެވެ. އަދި މިސިޓީގައި 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން ހައުސިންގ މަޝްރޫޢު ތަރައްޤީކުރާ ފަޅާއި ޖެހިގެން އޮތް ފަޅުގައި ޔޮޓް މެރީނާ އާއި ރިސޯޓް ތަރައްޤިކުރުމަށްވެސްވަނީ ނިންމާފައެވެ.