ޚަބަރު

ފ.އަތޮޅުގައި "އަމާން ވެށި" ހަދަން ޙަވާލުކޮށްފި


ދަޢުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިން ބައިތިއްބާ މަރުކަޒެއް ފ.އަތޮޅުގައި ޤާއިމުކުރަން ނިންމައި އެކަމަށް ބޭނުންވާ އިމާރާތް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

ފ.އަތޮޅުތަގައި ޤާއިމުކުރާ ކުޑަކުދިންގެ މަރުކަޒު، އަމާންވެށި ހަދަން ނިންމާފައިވަނީ ފ.ނިލަންދޫގައެވެ. މިކަމަށް ބޭނުންވާ އިމާރާތް ހަދަން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިން ކޮންސްޓްރަކްޝަނާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއުކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ. އަދި ކޮނސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަލީ އިސްމާޢީލެވެ.

ނިލަންދޫގައި ހަދާ އަމާންވެއްޓަކީ އެއްފަހަރާ 28 ކުދިން ބޭތިއްބޭ ތަނެކެވެ. އިމާރާތް ނިންމުމަށް ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުންނެވެ. މި މަޝްރުޢުގެ އަގަކީ 15.3 މިލިއަން ރުފިޔާއެވެ.

ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިން، އަތޮޅުތަކުގައި ތަރައްޤީކުރަމުންދާ އަމާން ވެށިތަކަށް ބަދަލުކުރަން ފެށީ 2020ވަނަ އަހަރުއެވެ.

މިހާތަނަށް 5 އަތޮޅެއްގައި ތަރައްޤީކޮށްފައިވާ 5 އަމާންވެއްޓަށް ވަނީ ކުދިން ބަދަލުކޮށްފައެވެ. މިހާތަނަށް އަމާން ވެށިތައް ޤާއިމުކޮށްފައިވަނީ، ބ.އޭދަފުށި، ފުވައްމުލައް ސިޓީ، ނ.މަނަދޫ، ހއ.ދިއްދޫ އަދި ށ.ފުނަދޫގައެވެ. ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ދުއިސައްތައެއްހާ ކުދިންގެ ތެރެއިން 80އަށްވުރެ ގިނަ ކުނދިން މިހާރު ދިރިއުޅެމުން އަންނަނީ އަތޮޅުތަކުގެ އަމާން ވެށި ތަކުގައެވެ.

ފ.އަތޮޅުގައި ހަދާ އަމާން ވެއްޓަކީ އިތުރު އަތޮޅުތަކުގައި މި ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ހަދާ ތަނެކެވެ.

މި އާމާން ވެށިތަކުގެ އެންމެ ބޮޑު ބޭނުމަކީ، ކުދިންނަށް އަމާން މާޙުލެއްގެ މުޖުތަމަޢުގެ ލޯބި ލިބިގެން ބޮޑުވާ ކުދިންތަކަކަށް ވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަމާންވެށިތައް ޤާއިމުކޮށް ކުދިން ރަށްރަށަށް ބަދަލުކުރަން ފެށުމާއިއެކު އެ ކުދިންގެ އަޙުލާގާއި، އަޢުލީމާއި އަދި ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ފާހަގަކުރައްވައެވެ.