ޚަބަރު

ކުނި ވަކިކުރުމާއި ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތައް ހޭލުންތެރިކުރަނީ


ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެތައް ޒަމާނެއްވީ މައްސަލައެކެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުނި މެނޭޖްކުރުމަށް ކުނީގެ އެކިބައިތައް ވަކިކޮށްގެން އުކާ ހެދިނަމަވެސް ރާއްޖެއަށް މިކޮންސެޕްޓް ތަޢާރަފްކޮށް ކާމިޔާބުކުރެވިދާނެތޯ މިއީ ގިނަބައެއްގެ ހިތުގަ އުފެދުނު ސުވާލެކެވެ. އެހެންނަމަވެސް އެތައް ހުރަސްތަކަކާއެކުވެސް ވެމްކޯއިން މިވަނީ މިމަސައްކަތް ތަންފީޒުކުރަން ފަށާފައެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނައި ބަދަލާއެކު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންވަނީ އެކިބާވަތުގެ ކުނިވަކިކޮށްގެން ނެރެންވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން ޢާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވެމްކޯއިން ފާހަގަކުރާއިރު މިމަސައްކަތް ކާމިޔާބުކުރުމަށް ޢާއްމުންގެ ފަރާތުން މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ބޭނުންވާކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށްވެސް ވެމްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ހިސާބުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާ އެކަން ސަރުކާރުގެ ހުރިހާ އިދާރާއަކަށް ކުރިއަށްގެންދިޔުމަށް ވެމްކޯއިންވަނީ ނިންމާފައެވެ.

މީގެދަށުން އެންމެ ފުރަތަމަ ވެމްކޯއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެންނެވެ. ވެމްކޯއިން ބުނީ މިޕްރޮގްރާމްގެ ތެރެއިން ފަސޭހަކަމާއެކު ކުނި ވަކިކުރުމަށް ކުރެވިދާނެ ކަންކަމާއި ކުނި ވަކިކުރުމުގައި ގަވާއިދާއި ޚިލާފަށް މިހާރު އެއްކުރެވޭ ކުނީގެ ބާވަތްތަކާއި ގުޅޭ މަޢުލޫމާތު ދީފައިވާކަމަށް ވެމްކޯއިން ބުނެއެވެ. ރައީސް އޮފީހުގައި މިޕްރޮގްރާމް ކުރިއަށްގެންދަނީ އަންގާރަ އަދި ބުދަ ދެދުވަހުގައިކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ސަރުކާރުގެ އެހެން އޮފީސްތަކުގައިވެސް މިޙަރަކާތް އިންތިޒާމުކުރަން ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.

ކުނި ވަކިކޮށްގެން މިމަހުގެ ފުރަތަމަ ދުވަހު ފަށާފައިވާއިރު ފުރަތަމަ ދެހަފްތާގެ ތެރޭގައި ޢާއްމުންގެ ތެރެއިން ގިނަބަޔަކު ކުނިވަކިކުރުމުގެ ގަވާއިދަށް ޢަމަލުކުރަން ބޭނުންވާކަންވަނީ ހާމަވެފައެވެ. އެހެންނަމަވެސް އަދިވެސް ގިނަ ގޭބިސީތަކުން ކުނިވަކިކުރުމުގައި އެންމެ ރަނގަޅަށް ޢަމަލުކުރަމުން ނުދާތީ އެއްބާރުލުން މިހާރަށްވުރެވެސް ބޮޑަށް ދެއްވުމަށް ވެމްކޯއިންވަނީ އިލްތިމާސްކުރައްވާފައެވެ. ކުނި ވަކިކޮށްގެން ނެރެން ފެށުމާއެކު ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް ރާއްޖޭގައި އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުކަންވަނީ ހާމަވެފައެވެ. ވެމްކޯއިން ބުނީ ޕްލާސްޓިކް ކުނި ވަކިކުރުމުގައި ގިނައިން ކޮތަޅަށް އެޅުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން ފުޅިތައް ކަތުރުން ކޮށާ ކުދި ކުރާކަން ފާހަގަވެފައިވާކަމަށެވެ. އޭގެސަބަބުން ޕްލާސްޓިކް ރީސައިކަލްކުރުމުގައި ބަހައްޓަންޖެހޭ ސްޓޭންޑަޑަށް ނުފެތޭތީ އެކަން އެގޮތަށް ނުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.