ޙައްޖު ކޯޕަރޭޝަންގެ އާ އިމާރާތް ހުޅުމާލޭގައި ހަދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ. މިއީ 8 ފަންގިފިލާގެ އިމާރާތެކެވެ.
މި އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ޙާމިދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ސުޙައިލް އަޙުމަދެވެ.
ޙައްޖު ކޯޕަރޭޝަންގެ އާ އިމާރާތް ހަދަނީ ހުޅުމާލޭ އަމީން އެވެނިއު ކުރިމަތިން އޮންނަ ހުސް ބިމުގައެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ޙަމީދު ވިދާޅުވީ އެކޯޕަރޭޝަންގެ އޮފީސް ދިގު މުއްދަތަކަށް ހިންގަމުން އަންނަނީ ކުއްޔަށް ތަންތަން ނަގައިގެންކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލީ ދަތިކަމާއި އޮފީސް އިމާރާތް ހިންގުމުގެ ޖާގައިގެ ދަތިކަންވެސް އޮތްކަމަށް އިސްމާޢީލް ވިދާޅުވިއެވެ.
އާ އިމާރާތަކާއެކު އާއްމުންނަށް އެ ކޯޕަރޭޝަނުންދޭ ޚިދުމަތްތައް ލުއިފަސޭހަކުރުމަށްވެސް ބޮޑު ފަސޭހައަކަށްވެގެން ދާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ. މި އިމާރާތް އެޅުމަށް އެޗްޑީސީންވަނީ 5000އަކަފޫޓަށްވުރެ ބޮޑުބިމެއް ޙައްޖު ކޯޕަރޭޝަނަށް ހަމަޖައްސަދީފައެވެ.
Agreement signing for development & operation of @Hajjcorporation building in Hulhumalé.
— HDC (@hdcmaldives) June 21, 2022
MD of MHCL, Ismail Hameed and COO, Najeel Ahmed along with our MD & CFO were present for the signing. pic.twitter.com/2xbnc9Saxj
އިސްމާޢީލް ވިދާޅުވީ ބިން ލިބުމާއެކު، ދެން މަސައްކަތް ފަށާނީ އިމާރާތުގެ ފަރުމާ ފައިނަލްކޮށް، ކޮންސްޓަރަކްޝަނަށް ހަވާލުކުރުމަށްކަމަށެވެ. އޮފީސް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް 6 މަހެއްހައި ދުވަހުގެ މުއްދަތުގައި ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި އިމާރާތް ފަރުމާކުރާނީ 8 ފަންގިފިލާއަށެވެ. މި އިމާރަތް ޙައްޖު ކޯޕަރޭޝަންގެ އޮފީސް ހެދުމަށް އަދި ބައެއް ފަންގިފިލާތައް އޮފީސް ޖާގައިގެގޮތުގައި ކުއްޔައްދީގެން ކުންފުންޏަށް އާމްދަނީ ހޯދުމުގެ ވިސްނުން ހުރިކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މި މަސައްކަތް މުޅިން ނިމޭނެކަމަށް ލަފާކޮށްފައިވަނީ 3 އަހަރުގެ މުއްދަތުންނެވެ.
ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތް ފެށިތާ 8 އަހަރުވަނީ ވެފައެވެ. ޙައްޖު ކޯޕަރޭޝަން އުފެއްދީ ހެޔޮއަގުގައި ރާއްޖެއިން މީހުން ޙައްޖާއި އުމްރާގެ އަޅުކަމަށް ފޮނުވުމުގެ ޚިދުމަތް ދިނުމަށެވެ.