ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއަށް ހުތުރެއް އަޔަކަ ނުދޭނަން - މިނިސްޓަރ


މާޒީގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހުތުރެއް އައިސްފައި އޮތްނަމަވެސް މިއަދު މިދާއިރާއަށް ހުތުރެއް އަޔަކަ ނުދޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ޓޫރިޒަމް މިނިސްޓަރަށް މިސަރުކާރުން ފަތުރުވެރިކަމަށް ދޫކުރީ ކިތައް ރަށްތޯއާއި ކިތައް ރަށުގެ ފައިސާ ލިބުނުތޯ ސުވާލުކުރައްވާފައެވެ. މިސުވާލައް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ ވިދާޅުވީ މިއީ ވަރަށް ރަނގަޅު ސުވާލެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ދޫކުރި ރައްތަކުގެ ފައިސާއަށް ވީނުވީއެއް ނޭނގިފައިވާކަމަށެވެ. ނަމަވެސް މި ސަރުކާރުން ދޫކުރި ރައްތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަށެއް ފިޔަވައި އެހެން ހުރިހައި ރަށެއްގެ ފައިސާ ލިބިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މާޒީގައި ފަތުރުވެރިކަމުގެ ދާއިރާއިން ހުތުރެއް އައިސްފައި އޮތްނަމަވެސް މިއަދު ފަތުރުވެރިކަމުގެ ދާއިރާއަށް ހުތުރެއް އަޔަކަ ނުދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދައުލަތުގެ ރިސިޕްޓެއް ދީފައި ތިޖޫރިއަށް ނުވަންނަނީކީވެސް ނޫން. ވީނުވީއެއްވެސް ނޭނގިފައި އެބަހުރި ކުރީގެ ވަރަށް ގިނަ ރަށްތައް. އެކަމަކު އަޅުގަނޑުމެން ފަހުން ބިޑްކުރި ހުރިހައި ރަށެއް، އެންމެ ރަށެއް ފިޔަވައި ހުރިހައި ރަށަކަށް ފައިސާދައްކައި ނިންމައިފި. ފައިސާ ނުދެއްކި ރަށުގެ 50،000 ޑޮލަރު ސަރުކާރަށް ލިބޭނެ. އެއީ ގެރެންޓީއެއްގެ ގޮތުގައި ބަހައްޓާފައިހުރި ފައިސާ. އަޅުގަނޑުމެން ހުރިހައި ރިކޯޑެއް ފައިސާގެ މުއާމަލާތްތައް ބަރާބަރަށް އެދަނީ ރީއްޗަށް ފެންނަން އެހެރީ. މާޒީން ފަތުރުވެރިކަމުގެ ދާއިރާއިން ހުތުރެއް އައިއްސަ އޮތަސް މިއަދަކު ފަތުރުވެރިކަމުގެ ދާއިރާއަށް ހުތުރެއް އަޔަކަ ނުދޭނަން." މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ފަތުރުވެރިކަމަށް 5 ރަށެއް އެވޯޑްކޮށްފައެވެ. އެހެންކަމުން މިހާތަނަށް 4 ރަށެއްގެ ފައިސާ ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.