ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް ޤާއިމުކުރަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލައި މިއަހަރުގެ ސެޕްޓެމްބަރު މަހު ލޯންޗްކުރުމަށް ޖެންޑަރ މިނިސްޓްރީއިން ތައްޔާރުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އެކިދާއިރާތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގައި ހަވާސާކުރެވިފައިތިބޭ ބަޔަކަށްވެފައި އޮތްއޮތުން ބަދަލުކުރުމަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދު ސީދާ ކަނޑައެޅިގެން ނޭނގުމާއި ، ރާއްޖޭގައި ތިބީ ކޮންބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންކަން ތަފާސްހިސާބުގެ އަލީގައި ބެލޭނެގޮތެއް ނެތެވެ. ހަމައެއާއެކު އުފަންވާއިރު އެކިބާވަތުގެ ނުކުޅެދުންތެރިކަން އިތުރުވަމުން އަންނައިރު ރާއްޖޭގައި އެކަމާގުޅޭ މަޢުލޫމާތެއްވެސް އެއްކުރެވިފައެއް ނެތެވެ. އެހެންކަމުން ދައުލަތުގެ އެހީތެރިކަން މިފަދަ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ގިނަ ހުރަސްތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައާއި ޚިދުމަތްތައް ފަހިކުރުމުގައި ދަތިތަކެއްވަނީ ކުރިމަތިވެފައެވެ.

މިކަން ޙައްލުކުރެއްވުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވި މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައެވެ. ރައީސްވަނީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުރިހާ މަޢުލޫމާތެއް ހިމެނޭ ދައުލަތުގެ ފަރާތުން ބަލަހައްޓާ ދަފްތަރެއް އެކުލަވާލައްވާނެކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މިދަފްތަރުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި ލޯންޗްކުރުމަށް ތައްޔާރުވަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ ޢިނާޔަތް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތުގެތެރެއިން ޢިނާޔަތާއި ގުޅޭ ކަންކަން މުރާޖާކުރުމަށް ގެންގުޅޭނެ މިންގަނޑުތައް ނިންމުމަށް ބޭނުންވާ ފަންނނީ މަސައްކަތްތައް ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން ކުރަމުންދާކަމަށްވެސް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމަސައްކަތް ނިމުމުން މިކަމާގުޅޭގޮތުން ވަކިގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

މިމަސައްކަތް ނިންމައި ސެޕްޓެމްބަރު މަހު ރައީސް އޮފީހަށް ފޮނުއްވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދައުލަތުގެ ފަރާތުން ދެމުންދަނީ 2000 ރުފިޔާއެވެ.