ޚަބަރު

އަހަރުގެ ކޮންމެމަހަކު ދީނީ ޕްރޮގްރާމް ހިންގާނަން - ނައިބު ރައީސް


ކުރިއަށް އޮތްތަނުގައި އަހަރުގެ ހުރިހާ މަސްތަކަށް ބަހާލައިގެން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަކީ ސަރުކާރުން ވިސްނުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ރަމަޟާންމަހު ދީނީ ހަރަކާތްތަކާއި ޕްރޮގްރާމްތައް ކުރިއަށްގެންދެވި ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ބޭބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސްވަނީ އެ ބޭފުޅުން ރަމަޟާންމަހު އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އާއްމުން ދީނީކަންކަމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދެވި ޕްރޮގްރާމްތަކުގައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ އެންމެމުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުގެ ސޯޝަލް ކައުންސިލުންވެސް ދެކެވަޑައިގަންނަވާ ކަމަކީ، މިފަދަ މަސައްކަތްތައް މުޅި އަހަރަށް ބަހާލައިގެން މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުންކަމަށެވެ. މިހާރަކީ ކުރިއާ އަޅާބަލާއިރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް އައިސްވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މިހާރުގެ ދިރިއުޅުމުގެ ޙާލަތާގުޅޭގޮތަށް ހިންގާ ޕްރޮގްރާމްތައް އިތުރުކުރުން މުހިންމުކަމަށެވެ.

ޚާއްސަކޮށް ބޮޑުވަމުން އަންނަ ޒުވާން ޖީލަކީ، ދީންވެރި ރަނގަޅު އަޚުލާގެއްގެމަތީގައި ތަރުބިއްޔަތުކުރެވޭ ބަޔަކަށް ހެދުމަކީ، އިޖްތިމާޢީ އެތައްމައްސަލައަކަށް ޙައްލުލިބޭނެ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވެއެވެ. އެހެންކަމުން ސްކޫލްތަކާއި އޮފީސްތަކާއި ރަށު ފެންވަރުގައި ހިންގާ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މެދުކަނޑާނުލައި ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރަމަޟާންމަހު ދީނީ ޕްރޮގްރާމްތައް ގިނަކުރުމަކީ އަހަރަމެންގެ ސަޤާފަތް މިވަގުތު އޮތްގޮތްކަމަށްވިޔަސް، މިކަން ބަދަލުވާންޖެހޭކަމަށެވެ.

"ސްކޫލްތަކުގައި، ރަށްރަށުގައި ޕްރޮގްރާމްތައް އިތުރުކުރަންޖެހޭ. ވިސްނުމަކީ ވިހާވެސް އަވަހަށް ޝައުގުވެރިކަންވެސް އުފެދޭނެގޮތްތަކަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން."ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިހާރު ހުކުރު ޚުތުބާ ތައްޔާރުކުރުމުގައިވެސް މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ރިއާޔަތްކޮށް، ކަންކަމަށް ޙާއްލުހޯދުމަށް ބާރުއަޅުއްވާކަން ވަރަށްބޮޑަށް ފާހަގަކުރެއްވޭކަމަށެވެ. މިއީ ވަރަށް ރަނގަޅު ބަދަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްވަނީ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގައި ކުރިއަށްއޮތްތާންގައިވެސް ދީނީ އިލްމުވެރިންގެ އެއްބާރުލުމާއި އެހިތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.