ވިޔަފާރި

ރަންދިހަ ފަހެއް ނޫޓް ސީރީސް- ދިވެހި ފައިސާއަށް ބޮޑު ބަދަލެއް!


ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި، ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުގައި ބޭނުންކުރާ ފަދަ ޒަމާނީ ނޫޓްތަކެއް ރާއްޖޭގައިވެސް ބޭނުންކުރަން މިއަދު މިވަނީ ފަށާފައެވެ.އައު ނޫޓު ސީރީސްއަކީ، ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ނޫޓްތަކެކެވެ. އަލަށް ތައާރަފު ކުރާ ނޫޓުތައް ޗާޕްކޮށްފައިވަނީ، ޕޮލިމާގައެވެ. އާ ނޫޓް ސީރީޒްގައި ހިމެނެނީ، 10، 20، 50، 100، 500 އަދި ފުރަތަމަ ފަހަރަށް ތައާރަފުކުރި 1000 ރުފިޔާގެ ނޫޓެވެ.ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ  ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ. މީގެ އިތުރުން އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުން ގަޑުވެސް އަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާނެއެވެ.ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ބައިތަކެއް އެކުލެވެއެވެ.އައު ނޫޓްތައް ގެންގުޅުމުގައިވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ނޫޓްތަކާ ޚިލާފަށް ޕޮލިމާ ނޫޓްތައް ފަތްޖަހާ ބޮޑިކޮށްފި ނަމަ ނޫޓްތައް ހަލާކުވެދާނެއެވެ. އޭގެ އިތުރުން ނޫޓްތައް އިސްތިރި ފަދަ ގަދަ ހޫނަށް ހުށައެޅިއްޖެނަމަ ވިރިގެންދާނެއެވެ. އެހެންނަމަވެސް ކަރުދާހު ނޫޓާ ޚިލާފަށް ފެން ނުވަތަ ނޫޓް ހަޑިވާފަދަ  އެއްޗެއް ނޫޓަށް އެޅުމުން ނޫޓް ފޯވެގެން ނުދާނެއެވެ. އެފަދަ އެއްޗެއް އެޅިއްޖެނަމަ ފުހެލުމުން ނޫޓް ސާފްކޮށްލެވެއެވެ.އައު ނޫޓުތައް ނިކުންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ދިވެހިންނަށް މިއަދުމީ ވަރަށްވެސް އުފާވެރި ދުވަހެކެވެ. އަދި އަލަށް ނެރުނު ނޫޓުތަކުގެ ރީތިކަމަށް އާއްމުންވެސް ދަނީ ތަޢުރީފްކުރަމުންނެވެ.މިހާތަނަށް ބޭނުންކުރަމުން އައިސްފައިވާ ނޫޓުތައް އަލަށް ނެރުނު ނޫޓަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަަށް އެ ޙިދުމަތް އެމްއެމްއޭއިން މިރޭ 20:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި މިހާރު އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ސެލްފް ސައިވިސް އޭޓީއެމްއިން ލިބެން ހުންނާނީ އައު ނޫޓުކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މިއަދުން ފެށިގެން ބީއެމްއެލްގެ އެހެން އޭޓީއެމް ތަކާއި އެހެން ބޭންކުގެ އޭޓީއެމްތަކުންވެސް އައު ނޫޓުތައް ލިބެން ފަށާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.