ޚަބަރު

އޭދަފުށިން ގޯތި ދޫކުރުމުގެ މައްސަލަ ރައްޔިތުންނާ ވާހަކަދައްކައިގެން ހައްލު ކުރަން ފަށަނީ


އޭދަފުއްޓަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެރަށުން ގޯތި ދިނުމުގެ ކަންތައް ކޯޓު މަރުހަލާގައި އޮންނަތާ މިހާރު ނުވަ މަސްދުވަސް ވެފައިވާއިރު، ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ގޯތި ދިނުމުގެ ކަންކަން ކުރިއަށްދިއުމަށް ވިސްނަމުންދާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވީ، ގޯތި ދިނުމުގެ މައްސަލަ ދިގުދެމިގެންދާތީ ކަންބޮޑުވާކަމަށާ، މައްސަލަ އިތުރަށް ދިގުދެމިގެން ދާނަމައެކަން ހައްލުކުރުމުގެ ވިސްނުން މިހާރު އެބަހުރިކަމަށެވެ. އެގޮތުން ޖުލައިމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމުން އެކަން ނިންމުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބ.އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު އަދި ވެރިކަން ކުރާ އޭދަފުށިން ގޯތި ދޫނުކުރާތާ 33 އަހަރު ވެފައިވާއިރު އެރަށަށް ދިމާވެފައި އޮތް މިމައްސަލަ ހައްލުކުރުމަށް މިސަރުކާރުން މަސައްކަތްފެށިއެވެ. އެކަން ފަށާ އެރަށުން ގޯތި ދޫކުރުމަށް ދެފަހަރެއްގެ މަތިން ވަނީ އިއުލާންކޮށްފައެވެ. އެެކަމަށް 2 އަހަރުވީ އިރުވެސް ގޯތި ނުލިބުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އޭދަފުށިން ގޯތި ދޫކުރުމަށް އެންމެ ފުރަތަމަ ނިންމީ 2019 ވަނަ އަހަރުގެތެރޭގައެވެ. އެހެންނަމަވެސް ގޯތި ދޫކުރުމަށް ހަދާފައި އޮތް އުސޫލުގައި މައްސަލަތަކެއް ހުރުމުން އުސޫލުގައި ހުރި މައްސަލަތައް އިސްލާހުކޮށް އަލުން އިއުލާން ކުރުމަށް ޕްލޭނިން މިނިސްޓްރީން އެރަށު ކައުންސިލަށް އެންގިއެވެ. އަދި އެއިސްލާހުތައް ރަނގަޅުކޮށް އަލުން ގޯތި ދޫކުރުމަށް ހުޅުވާލީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއްމަސްދުވަހުގެ މުއްދަތަށް މި ފުރުސަތު ހުޅުވާލުމުން 662 ފަރާތަކުން ފޯމް ލިއެވެ.

ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް، މިކަން ވިލަރެސް ކުރުމަށް އެކުލަވާލާފައި އޮތް ކޮމިޓީން ބެލުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ 2021 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ. އެއްއަހަރު ދުވަސް މިކަމަށް ހޭދަވީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެރަށް މޮނިޓަރިންގައި އޮތުމާ ގުޅިގެންނެވެ.

އެރަށުން ގޯތި ދޫކުުރުމުގެ ކަންކަން ހުއްޓުނީ އާންމު ރައްޔިތަކު ކޯޓަށް މައްސަލައެއް ހުށައެޅި ހިސާބުންނެވެ. އެހިސާބުން އެމައްސަލަ ނިމެންދެން ގޯތި ދޫކުރުމުގެ އެންމެހާކަންކަން ހުއްޓާލުމަށް ކައުންސިލްގެ މައްޗަށް ކޯޓުން އަމުރުކުރިއެވެ. އެއީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެމައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ކައުންސިލަށްވެސް އޮތެވެ. އެހެންނަމަވެސް އެކަން ނުކުރީ ގޯތި ލިބޭނެ ކަމަށް ލަފާކޮށްފައި ތިބިމީހުންގެ ހައްޤުތަކަށް ހުރަސްއެޅިދާނެތީކަމަށް އޭރު އޮތް ކައުންސިލުން ބުނެއެވެ.

"ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މިހާރު އެއްވެސް ކަމެއް ކުރެވޭކަށް ނެތް. އެއީ ކޯޓުން އެކަން ނުކުރުމަށް އަމުރުކޮށްފައި އޮތީމަ މިބަލަނީ މައްސަލަވެސް ލަސްތަކެއް ނުވެ ނިމޭނެ ކަމަށް. ކޯޓުގައި އޮތް މައްސަލައެއްވީމަ ސީދާ ނިމޭނެކަމަށް ބެލެވޭނެ ދުވަހެއް ބުނާކަށް ނޭންގޭ" އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވިއެވެ.

އޭދަފުށިން ގޯތި ދޫކުރުމުގެ ދެ މައްސަލައެއް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން އަންނަނީ ބަލަމުންނެވެ. ކޯޓުގައި އޮތް މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަނީ ވަކިވަކިންނެވެ. މި ދެ މައްސަލަވެސް އޮތީ ހެކިހުށައެޅުމާއި ހަމައަށްގޮސްފައެވެ. ނިމިދިޔަ ހަފްތާގައިވެސް މި ދެ މައްސަލައިގެ އަޑުއެހުމެއް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައި ތާވަލްކޮށްފައިވީނަމަވެސް، އެ ދެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ. ކުރިއަށް މިއޮތް މަސްތެރޭގައި މިމަސައްކަތް ނިމޭނެކަމަށް އުންމީދު ކުރާ ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

"ވަރަށްބޮޑަށް ވިސްނުން އެބަހުރި ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބޭނުންވާނަމަ އެމައްސަލަ ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލުމަށް، ގޯތިގެދޮރުގެ މައްސަލައަކީ އެންމެ ކަންބޮޑުވާ މިރަށަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލަ އެހެންވީމާ މިކަން ހައްލު ކުރުމަށް މިދަނީ މަސައްކަތްކުރަމުން" އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

މިކަން ލަސްވަމުންދަނީ ކައުންސިލްގެ އިހުމާލުންކަމަށް ބުނެ އެތައް ޝަކުވާއެއް ކައުންސިލަށްވެސް ދަނީ ހުށަހަޅަމުންނެވެ. ބޯހިޔާވަހިކަމުގެ މިމައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިނަމަވެސް މިމަސައްކަތް ލަސްވަމުންދާތީ އެތައްބަޔަކުވަނީ ޝޯސަލް މީޑިއާގައިވެސް ޝުއޫރުފާޅުކޮށްފައެވެ.

3600 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށިން މީގެ ކުރިން ވަނީ 659 ގޯތި ދޫކޮށްފައެވެ. އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީ ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 26 ހެކްޓަރުގެ ބިމެއް އެރަށުން ހިއްކާފައެވެ. އޭދަފުީގައި ގޯތިބޭނުންވާ 400 ވުރެ ގިނަ އާއިލާ ތިބިކަމަށް ކައުންސިލުން ލަފާކުރެއެވެ.