ޚަބަރު

ދިވެހި ޤައުމީ ދިދަ ބޭނުންކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ރައީސް ކަނޑައަޅުއްވައިފި


ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، އުސޫލެއް ކަނޑައަޅުއްވައިފިއެވެ. މިކަން އަންގަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާންމުކުރި ދެންނެވުމުގައި ވާގޮތުން ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަައި އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައްވެސް މި އުސޫލުގައި ވަނީ ކަނޑައަޅުއްވާފައެެވެ.

މީގެ އިތުރުން ވެސް މި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގާފައި ހުންނަންވާ ތަންތަނާއި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ޤައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތައްވަނީ ބަޔާންކުރައްވާފައެވެ.

ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާ ތަންތަން:

* ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
* ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު
* ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދިރިޅުއްވާ ރަސްމީ ގެކޮޅު
* ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒު
* ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒު
* މެދުކެނޑުމެއް ނެތި 24 ގަޑިއިރު ޚިދުމަތް ދޭ ސަރުކާރުގެ މުއައްސަސާތައް

މި އުސޫލުގައި ދިވެހި ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނެ އުސޫލުވެސް ވަނީ ބަޔާންކުރައްވާފައެވެ.

އެގޮތުން ދިވެހި ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މި އުސޫލުގައިވަނީ ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ގެންގުޅެންވާ އުސޫލުވެސް ބަޔާންކުރައްވާފައެވެ. އެގޮތުން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓޭނީ ޤައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށެވެ. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުންނެވެ. ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގަންވެއްޖެނަމަ، ދިދަ ނަގާނީ، އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިޔަށް ދިދަ ނެގުމަށްފަހުގައެވެ. އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީވެސް، ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށްފަހުގައެވެ.

ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ދިވެހި ޤައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގާފައިވާނަމަ، އެ ދިދައެއް ނުވަތަ އެ ދިދަތަކެއްވެސް ބަހައްޓަންވާނީ، ބައިދަނޑިއަށް ތިރިކޮށްފައެވެ. ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިދަ ނަގާ ތަންތަނުގައި ދުވަސް ނިންމާނީ، ހަވީރު 6:00 އަށެވެ. 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓާ ތަންތަނުގައި ދުވަސް ނިންމާނީ، ރޭގަނޑު 12:00 އަށެވެ.


މޭޒުމަތީގައި ބަހައްޓާ ގޮތަށް ދިވެހި ޤައުމީ ދިދަ ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ޤައުމީ ދިދަ ހިމެނޭ ގޮތަށް ބެޖް، ސްޓިކަރ، ލޯގޯ، ކަފްލިންކް ފަދަ ތަކެތި ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެކަމަށްވެސް އުސޫލުގައިވެއެވެ. މީގެ އިތުރުން ކަރުދާހުގައި ނުވަތަ ފޮތީގައި ޗާޕުކޮށްގެންނާއި، މަޢުދަނަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިގެން ސަރުކާރުގެ ތަންތަނުގައި ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.