ޚަބަރު

އޯގަސްޓް އެކަކުން ފެށިގެން ބަސް ދަތުރުތަކަށް ބީއެމްއެލް ކާޑު ބޭނުންކުރެވޭނެ


އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްޓީސީސީގެ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލް ކާޑު އަދި "ކިއުއާރް" ކޯޑް މެދުވެރިކޮށް ޚިދުމަތް ލިބޭނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމެޕްނީ އެމްޓީސީސީން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ލުއި ފަސޭހަ ކުރުމަށްޓަކާ ބަހުން ދަތުރުކުރާ ފަރާތްތަކަށް ޓެކްނޮލޮޖީގެ އެހީގައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރުގެ އޯގަސްޓްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބީއެމްއެލް ކާޑު އަދި ކިއުއާރް ކޯޑެއް ބޭނުންކޮށްގެން ބަހުގައި ދަތުރުކުރެވޭނެކަމަށެވެ.

ޚިދުމަތް މިގޮތަށް ބަދަލުކުރުމަށްޓަކާ އެމްޓީސީސީން މިހާރުވަނީ ބީއެމްއެލްއާއި މާސްޓަރކާޑާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މީގެ ދަށުން ދަތުރުކުރާ ފަރާތްތަކަށް ގިނަ ކާޑުތަކެއް ބޭނުން ނުކޮށް އެއްކާޑަކުން ފައިސާގެ ހުރިހާ މުޢާމަލާތެއް ކުރެވޭނެ ގޮތަށް އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދުމަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް ބަދަލުކުރުމުން ދަތުރު ކާޑު ޓޮޕްއަޕް ކުރުމާއި، ދަތުރުވެރިންގެ އަތުން އިތުރު ޚަރަދެއް ނުހިނގާ ވަގުތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.


އޯޕަން ލޫޕް ޓެކްނޮލޮޖީއާއެކު ބަހުގައި ދަތުރުކުރާ ފަރާތްތަކުގެ ޑޭޓާއާއި ޚިދުމަތަށް އޮތް ޑިމާންޑު ވަގުތުން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން އެމްޓީސީސީން ދެމުންގެންދާ ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ބާރަކަށްވެގެންދާނެކަމަށް އެކުންފުނިންގ ވިދާޅުވެއެވެ.

ރާއްޖޭގައި އެކްލޫސިވް ޕޭމަންޓް ނެޓްވޯކެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހދ. އަތޮޅުގެ 14 ރަށެއްވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާއި ގުޅާލާފައެވެ. މިހާރު އޮތީ މިޚިދުމަތް ގުޅާލުމުގެ މަސައްކަތް ނިމުމުގެ މަރުޙަލާގައެވެ. މީގެ ދަށުން 41 ރަށެއް ގުޅާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން މާލެ ސަރަޙައްދުގައި ދެމުންގެންދާ ބަހާއި ފެރީގެ ޚިދުމަތްވެސް މި ވިއުގައާއި ގުޅާލާނެއެވެ. މިއާއެކު އަންނަ އޯގަސްޓްމަހު ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެހޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުން މިހާރު ބޭނުންކުރަމުންދަނީ އެކަމަށްޓަކާ ޚާއްސަކޮށްފައިވާ ދަތުރުކާޑެކެވެ. ދަތުރުކުރުމަށްޓަކާ މިކާޑު، އެމްޓީސީސީގެ މައި ޓަރމިނަލް ތަކުން ޓޮޕްއަޕްކުރަން ޖެހެއެވެ. ފައިސާ ދައްކާގޮތަށް އަދި ކާޑު މެދުވެރިކޮށްވެސް ދަތުރުކާޑު ޓޮޕްއަޕްކުރެވެއެވެ. މީގެއިތުރުން ޓިކެޓު ވަކިން ނެގޭނެ އިންތިޒާމުވެސް ހުރެއެވެ.