ޚަބަރު

ސަރުކާރުގެ ސަބްސިޑީއަށް ބަރޯސާނުވެ އަމިއްލަ އާމްދަނީން ޚިދުމަތް ދޭނަން: ޝަރީފް


ސަރުކާރުގެ ސަބްސިޑީއަށް ބަރޯސާވެގެން ތިބުން ނިމުމަކަށް ގެނެސް އަމިއްލަ ޢާމްދަނީން ޚިދުމަތްދޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 2022 ވަނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށް ސްޓެލްކޯއަށް 62 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފައެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ސްޓެލްކޯ ހިންގަމުން އައި މިސްރާބު އެއްކޮށް ބަދަލުކޮށްލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އެކުންފުނިން އެހެން ވިޔަފާރިތަކަށް ވަދެ އާމްދަނީ ހޯދައިގެން ކަރަންޓުގެ ޚިދުމަތުގެ އަގު ހެޔޮކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ސްޓެލްކޯއިން މިހާރުވެސް ބައެއް ޚިދުމަތްތައް ގެއްލުމުގައި ދެމުން އަންނަކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ބައެއް ރަށްރަށުގެ ނަރުދަމާގެ ޚިދުމަތާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ އެހެން މަސައްކަތްތަކުން ލިބޭ އާމްދަނީން ސަބްސިޑައިޒް ކޮށްގެން ކަމަށެވެ. ނަމަވެސް މިހާރު އެކުންފުނިން އަމިއްލަ ފައިމައްޗަށް ތެދުވުމާ ދިމާލަށް މިސްރާބު ޖަހަން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ދޭ މައި ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ އޮތް ނަމަވެސް އެކުންފުންޏަށް ރައްޔިތުންގެ އިތުބާރު ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ބިލް ނުކުރާނެ ކަމަށާއި އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޚިދުމަތުގެ އަގު އިރާދަކުރެއްވިއްޔާ ކުޑަ ކުރާނީ އަމިއްލަ ބާރުގައި. އަމިއްލަ އާމްދަނީ ހޯދައިގެން އެއަގު ސަބްސިޑައިޒް ކުރާނަން. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ ކަރަންޓުގެ ވިޔަފާރީގެ އިތުރުން އެހެނިހެން ދާއިރާތަކުން ވިޔަފާރި ފުޅާކުރުމަށް ގަސްތުކޮށްފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މިހާރު ކުރަމުން އަންނަ މައިގަނޑު ވިޔަފާރީގެ އިތުރުން ފެނާއި ނަރުދަމާއާއި ދެމެހެއްޓެނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން މިހާރު އަންނަނީ މަދުންނަމަވެސް ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކަރަންޓުގެ ޚިދުމަތުގެ އިތުރަށް ފެނާ ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.