ޚަބަރު

ހަވާސާވެފައިތިބި ޒުވާނުން މަސައްކަތުގެ މާހައުލަށް ގެނައުމުގައި ކުންފުނިތަކުގެ ދައުރު ބޮޑު: ނައިބް ރައިީސް


މުޖުތަމަޢުގައި ހަވާސާވެފައިތިބި ޒުވާނުން އަނބުރާ މަސައްކަތު މާހައުލަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިޞަލް ނަސީމްވަނީ ޤައުމު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި ކުންފުނިތަކުން އަދާކުރާ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވީ އެއްވެސް ބަޔަކު ބާކީކޮށްގެން ޤައުމު ކުރިއަށް ނުގެންދެވޭނެކަމަށެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއެކު މަސައްކަތް ކުރަން ޖެހޭކަމަށާއި މަސައްކަތުގެ މާހައުލުގައިވެސް އެފަދަ މީހުން ބައިވެރިކުރަން ޖެހޭކަމަށެވެ. ސްޓެލްކޯގައި މިހާރުވެސް ޚާއްސައެހީއަށް ބޭނުންވާ ގާތްގަޑަކަށް 35 މީހުން ތިބިކަން ފާހަގަކުރައްވާ ނައިބްރައީސް ވިދާޅުވީ އެފަދަ މީހުންނަށް މަސައްކަތުގެ މާހައުލުގައި ކުރަންވީ ކަންތައްތައް ކިޔައިދީ އެހީތެރިވުމާއެކު އޯގާތެރިވާން ޖެހޭކަމަށެވެ.

އިޖްތިމާއީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ނައިބްރައިީސް ވަނީ މިއަދު ޤައުމަށް ދިމާވެފައިވާ އެއްމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތިކަން ފާހަގަކުރައްވާ އެކަމުން އަރައިގަތުމަށް މުޅި ޤައުމު މަސައްކަތް ކުރަންޖެހޭކަމަށެވެ. ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ޒުވާނުން އަނބުރާ މުޖުތަމަޢަށްގެނެސް މަސައްކަތުގެ މާހައުލުގައި ޝާމިލްކުރުމަށް ނައިބްރައީސް އިލްތިމާސްކުރެއްވިއެވެ. އަދި މިކަމަކީ ހުރިހާ ކުންފުނިތަކުންވެސް ކުރަންޖެހިފައިވާ މަސައްކަތެއްކަން ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ މަގުމަތީގައި ހިނަގާ އެކުސިޑެންޓްތަކުގެ އަދަދު ގިނަކަން ފާހަގަކުރައްވާ، މިއަހަރުގެ މިހާތަނަށްވެސް 1150 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަސް ވިދާޅުވެފައެވެ. އެހެންކަމުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ނައިބު ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އެކުންފުންޏަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފައެވެ. އަދި އެ ކުންފުނީގައި ވޭތުވެ ދިޔަ 3 އަހަހަރު ޚިދުމަތް ކުރި މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު މުވައްޒަފުންވެސް ވަނީ ހޮވާފައެވެ.