ޚަބަރު

އޮފީސްތަކުގެ ޚަރަދުތައް ކުޑަކުރަން ހަރުދަނާ ފިޔަވަޅުތަކެއް


ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ހިންގުމުގެ ގިނަ ޚަރަދުތަކެއް ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި ސަރުކާރު އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ވަނީ ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އޮފީސްތަކުން އަމަލުކުރުމަށް ދަންނަވާފައެވެ.

ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި މިސަރކިއުލާގައިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ޚަރަދުތައްވެސް އިތުރުވަމުންދާ ކަމަށެވެ. އަދި ކުރިން އަންދާޒާ ކުރިވަރަށް ވުރެ ދައުލަތުގެ ޚަރަދުތައް މަތިވަމުންދާކަމަށެވެ. އިޤްތިޞާދީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންގެ ޕްރޮމޯޝަންތައް މެދުކަނޑާލުމާއި، ރަސްމީ ގަޑީގެ އިތުރުން އެހެން ގަޑީގައި ކޮންމެހެން ކުރުވަން ޖެހޭ މަސައްކަތެއް ނޫނީ ނުކުރުމަށްވަނީ އަންގަވާފައެވެ.

އަދި ދައުލަތުން ޚަރަދު ކުރަން ޖެހޭ ގޮތަށް މުވައްޒަފުންނަށް ދޭ ސްކޮލަރޝިޕްތައް މިވަގުތު ނުފެށުމަށާއި ކޮންމެހެން ހޯދަން ޖެހޭ ޚިދުމަތެއް ނޫނީ ނު ހޯދުމަށްވެސް ވަނީ އަންގަވާފައެވެ. މީގެ އިތުރުން އޮފީސްތަކުގެ މަރާމާތުގެ މަސައްކަތްތައްވެސް މަޑު ޖައްސާލުމަށް މިނިސްޓަރ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

އޮފީސްތަކުން މިހާރު ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކުރާނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ފަހު ނޫނީ ނުކުރުމަށްވެސް ވަނީ އަންގަވާފައެވެ. ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާއިން ފެށިގެން އެސާކިއުލާއަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ޚަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ޚަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތައް:

* ދައުލަތުގެ ބަޖެޓުން ޚަރަދުވާ ގޮތަށް އެއްވެސް މަޤާމެއް ނުއުފެއްދުން
* ޕޭކޮމިޝަންގެ ހުއްދަނެތި މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނައުން
* މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި، މުސާރައިގެ ކުރިއެރުން އަންނަފަދަ އެއްވެސް ކަމެއް ނުކުރުން
* ބޭރުގެ ފަރާތްތަކުން ދެއްވާ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް މަޑުޖައްސާލުން
* އޮފީސް ތަކުން 5،000 ރުފިޔާއަށް ވުރެ އިތުރަށް ކުރާ ޚަރަދުތަކަށް ފިނޭންސްގެ ހުއްދަ ހޯދުން

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ އުސޫލެއް އާންމުކޮށްފައިމިވަނީ މިފަދަ ފިޔަވަޅެއް އަޅާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވަނިކޮށެވެ. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ގައުމު ކުރިއަށް ގެންދަވާނެ ކަމަށް ރައީސްވްނީ ވިދާޅުވެފައެވެ.